ރައީސްގެ ވައުދު ނަރުދޫއަށް: ސިއްހީ މަރުކަޒަށް ވޯޑު އިތުރުކޮށް، ޒުވާނުންނަށް ޓާފް ދަނޑަކާއި، އިޖުތިމާއީ މަރުކަޒެއް

IMG_0633

އަންނަ ދައުރުގައި ށ. ނަރުދޫގައި ސިއްހީ މަރުކަޒަށް ވޯޑު އިތުރުކޮށް، ކައުންސިލްގެ އައު އިމާރާތަކާއި، އިޖްތިމާއީ މަރުކަޒަކާއި، މަލްޓި ޕާރޕަސް ހޯލަކާއި ޓާރފް ދަނޑެއް އަޅައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ނަރުދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ ނަރުދޫއަކީ ކުޑަ އާބާދީއަކަށް ވާތީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި އެ ރަށަށް އަޅައެއް ނުލާ ދޫކޮށްލާފައިވާ ކަމަށެވެ. 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށް އެ ރަށުގައި ހިންގާފައި އޮތީ އެންމެ ދެ މަޝްރޫއުއެވެ.

އެހެންނަމަވެސް، މި ސަރުކާރުން ހުރިހާ ރަށަކަށް އަޅާލުމުގެ ސިޔާސަތުގެ ދަށުން ނަރުދޫއަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން ކަންތައްތަކެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެ ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަދިވެސް ނުނިމޭތީ އެކަމަށް ރައީސް ވަނީ ހައްލެއް ހޯދައިދިނުމަށް މިހާރު ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން، އެ މަޝްރޫއު ހަވާލުކުރީ އޭރު އެކަން އެންމެ ރަނގަޅަށް ކުރާ ކަމަށް ގަބޫލުކުރެވުނު އެއް ކުންފުންޏާއި ނަމަވެސް، އެކަމަށް ފައިސާއާއި ވަގުތު ދިނުމުންވެސް އެކަން ނުކޮށް ދޫކޮށްލާފައި އޮތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރު އެ ބޭފުޅުންނާއި އެކު އޮތް ކޮންޓްރެކްޓް ކެންސަލްކޮށް އައު ބަޔަކާއި އެކަން ހަވާލުކުރެވިފައިވާކަން ރައީސް ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.

މީގެއިތުރުންވެސް، ނަރުދޫއަށް އަދިވެސް ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒަށް ވޯޑު އިތުރުކޮށް އެދުމަތިކޮށް ބެލެހެއްޓޭނެ ގޮތެއް ބޭނުންވާ ކަމަށާއި އެކަމަށް އަންނަ ދައުރުގައި ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި، ކައުންސިލްގެ އައު އިދާރާއެއް ގާއިމްކޮށް، އިޖްތިމާއީ މަރުކަޒަކާއި، ޒުވާނުންނަށް ކުޅޭނެ ޓާރފް ދަނޑަކާއި ސްކޫލަށް މަލްޓި ޕާޕަސް ހޯލެއްވެސް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ މިއަދު ވައުދުވެވަޑައިގެންފައެވެ. އެ ރަށުގެ ގިރާ ސަރަހައްދަށްވެސް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މައްސަލައަށްވެސް ހައްލެއް އަންނަ ދައުރުގައި ހޯދައިދެއްވާނެ ކަމަށެވެ.

ނަރުދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބަދަލެއް ގެނެވޭނީ މުޅި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެސްގެންކަމަށެވެ. "މިއަދު ތި ފެންނަނީ އެ މަންޒަރު. ކުރިއަށް އޮތް ތިން ހަތަރު އަހަރު ތެރޭ މުޅި ރާއްޖެއިން އެ ބަދަލު ފެންނާނެ." ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *