ރައީސްގެ ވައުދު ށ.ފޭދޫއަށް: މަގު ޒަމާނީ ފެންވަރަށް ހަދައި، ވޮލީ އަދި ހޭންޑްބޯލް ކޯޓެއް އަޅައިދޭނަން

IMG_0934

އަންނަ ދައުރުގައި ށ. ފޭދޫ މަގު ހަދައި، އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް، ވޮލީ އަދި ހޭންޑްބޯލް ކޯޓެއް އަޅައި ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފޭދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވަނީ މި ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި، ކުރީގެ ސަރުކާރުތަކުގެ ދޯދިޔާ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީއިން ސަރުކާރަށް ލާޒިމް ކޮށްފައި އޮތް ކަމެއް ނަމަވެސް، އެކަން ނުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ދައުރު ނިމޭއިރު، ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ނިމި، ގިނަ ރަށްރަށުގެ ބަނދަރު ހަދައި އިންޖީނުގެތައް އަޅައި ނިމޭނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުގެ މަޝްރޫއުތައް ނިމޭއިރު ދެން އަންނަން އޮތް ސަރުކާރުތަކަށް ބޮޑު ލުޔެއް ލިބޭނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކަރަންޓަށް ސަރުކާރުން ކުރާ ހޭދަ މަދުކުރުމަށް އަޅާ ފިޔަވަޅުތަކަކީ އޭގެ ތެރެއިން މުހިންމު އެއް ފިޔަވަޅެވެ. ރައީސް ވިދާޅުވީ، އުންމީދަކީ ކަރަންޓަށް ކުރާ ހޭދު ދެބައިކުޅައެއްބައި މަދުކޮށް، އިޔާދަ ކުރުވަނިވި ހަކަތައާއި ދިމާލަށް މިސްރާބު ޖެހުން ކަމަށެވެ. އެއާއެކު ރައްޔިތުން ކަރަންޓަށް ދައްކަން ޖެހޭ ހޭދަވެސް ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި ށ. ފޭދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށްވެސް މި ދަތުރުގައި ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުރިއަށް އޮތް ދައުރުގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި 500 އަށްވުރެ އާބާދީބޮޑު ހުރިހާ ރަށެއްގައި  އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ބަޖެޓުން 90 މިލިއަން ހަރަދުކޮށްގެން ބީއެމްއެލްއާއެކު ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ ރަށުގައިވެސް އޭޓީއެމްގެ ހިދުމަތް އަންނަ ދައުރުގައި ލިބޭނެ ކަން ރައީސް އިއުލާން ކުރެއްވިއެވެ.

މީގެއިތުރުން، އެ ރަށަކީީ މި ސަރަހައްދުގެ އެންމެ މޮޅު ހޭންޑްބޯލް ކުޅުންތެރިން ތިބި ރަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ފެންވަރުގެ ހޭންޑްބޯލް ކޯޓަކާއި ވޮލީ ކޯޓެއް އަޅައިދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއާއެކު ކޮށް އެކަމަށްވެސް ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *