ރައީސްގެ ވައުދު ށ.ގޮއިދޫއަށް: ސިއްހީ މަރުކަޒު އައު އިމާރާތް އަޅައި ރަށުގެ މަގު ހަދައިދޭނަން

IMG_1191

އަންނަ ދައުރުގައި ށ. ގޮއިދޫ ސިއްހީ މަރުކަޒު އައު އިމާރާތް އަޅައި އެމްބިއުލާންސެއް ފޯރުކޮށްދީ، ގިރާ ސަރަހައްދު ހިމާޔަތްކޮށް ރަށުގެ މަގު ހަދައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު 2018ގައި އިންތިހާބަށް ނިކުތީ ޖަޒީރާ ރާއްޖޭގެ ތަސައްވަރަކާއެކުކަމަށެވެ. އެއީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ކުރުމުގެ ސިޔާސަތެއް ކަމަށާއި އޭގެ ދަށުން އަސާސީ ހިދުމަތްތައް ގާއިމްކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން، ގޮއިދޫގެ އިންޖީނުގޭގެ މަސައްކަތްވެސް ނިމި، އެ ރަށު ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިހާރު ސުލްހަވެރިކަން ގާއިމް ކުރެވިއްޖެކަމަށާއި ރައްޔިތުންނަށް މި ލިބުނު އުފާވެރިކަން ދަމަހައްޓަން އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ. ގޮއިދޫއަށް އިތުރަށް ކުރަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް އޮތީ ޓެންޑަރިންގ މަރުހަލާގައި ކަމަށާއި އަދި ގޮއިދޫގެ ބަނދަރުގެ އަޕްގްރޭޑް މަސައްކަތްވެސް ޓެންޑަރއަށް ފޮނުވާފައިވާނެ ކަމަށެވެ.

އަންނަ ދައުރުގައި، އެ ރަށު ސިއްހީ މަރުކަޒަށް ބޭނުންވާ އެމްބިއުލާންސްވެސް ލަސްތަކެއް ނުވެ ލިބޭނެ ކަން ރައީސް ވަނީ މިއަދު އިއުލާންކޮށްފައެވެ. އަދި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، ގިރާ ސަރަހައްދުވެސް ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެއިތުރުންވެސް، ކަރަންޓު ކެޕޭސިޓީ އިތުރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާކަން ރައީސް ވަނީ އިއުލާންކޮށްފައެވެ.

ރައީސް ވިދާޅުވީ، ގޮއިދޫގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނެ އެދެނީ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *