އަންނަ ދައުރުގައި ގެސްޓްހައުސް އަޅަން ވަކި ފަންޑެއް ހަދައި، ލުއި ލޯނު ދޫކުރަން ފަށާނަން: ރައީސް

IMG_7818

ކުރިއަށް އޮތް ދައުރުގައި، ލޯކަލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން، ގެސްޓްހައުސް އަޅަން ވަކި ފަންޑެއް ހަމަޖައްސައި އެ ފަންޑުގެ ދަށުން ލުއި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ބާރަށަށް މިއަދު ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރައީސް ވިދާޅުވީ ބާރަށަކީ މުއްސަނދި ތާާރީހެއް ލިބިފައިވާ ރީތި ރަށެއް ކަމަށާއި އެ ރަށު ރައްޔިތުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ ބައެއް ކަމަށެވެ. އަދި، ލޯކަލް ޓޫރިޒަމް ފެށުމަށް އެއަށްވުރެ ވަކި ރަނގަޅު ރަށެއް ނޯންނާނެ ކަމަށެވެ.

"މިއީ މުސްތަގުބަލެއް އޮތް ރަށެއް. ހަނިމާދޫ އެއާޕޯޓު އޮތީ މި ރަށާ 10-15 މިނެޓު ކައިރީގައި. ރަށު ފަތުރުވެރިކަން ފައްކާކުރަން މިއަށްވުރެ ފައްކާ ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދަންނަވާނަން" ރައީސް ވިދާޅުވިއެވެ. އާރްޓީއެލް ފެރީގެ ހިދުމަތްވެސް އެ ސަރަހައްދުގައި ދެމުން އަންނަ އިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން ބާރަށާއެކު ހައްދުންމައްޗަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ފުރަތަމަ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށްވެސް ފޯރުކޮށްދީ ނިންމުމެވެ. ކެމްޕޭން ކުރުމަށް ރަށްރަށަށް ކުރައްވަމުން ދާ ދަތުރުގެ ތެރެއިން ރައީސް ވަނީ އަސާސީ ހިދުމަތްތައް ނިމުމާއެކު ރަށްތަކުގެ ތަރައްގީއަށް އެހެން މުހިންމު ފިޔަވަޅުތައް އަޅާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން، ލޯކަލް ޓޫރިޒަމްވެސް އެންމެ ހެޔޮގޮތުގައި ކުރިއަރާނީ އަސާސީ ހިދުމަތްތައް ރަށުން ލިބޭނެ މަގު ތަނަވަސްވެގެން ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ލޯކަލް ޓޫރިޒަމް ކުރިއެރުވުމަކީ އެމްޑީޕީގެ ކުރީގެވެސް ސިޔާސަތަކެވެ. އެހެންނަމަވެސް، ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ހާއްސަކޮށް ލުއި ލޯނު ކުރިން ދޫކޮށްފައެއް ނުވެއެވެ. ޓޫރިޒަމްގެ ނަފާ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތެއް ހޯދައިދިނުމަށް މި ސަރުކާރުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *