ރައީސްގެ ވައުދު މުރައިދޫއަށް: މަގު ހަދައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ވޮލީ ކޯޓެއް އަޅައިދޭނަން

IMG_8109

އަންނަ ދައުރުގައި ހއ. މުރައިދޫ މަގު ހަދައި، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ވޮލީ ކޯޓެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މުރައިދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިޔާސީ ފިކުރެއް ނުބަލާކަމަށެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދެނީ އެ ރަށެއްގެ ރައްޔިތުން ވޯޓު އަޅާ ގޮތަކަށް ބަލާފައި ނޫންކަމަށާއި، ސަރުކާރުގެ އޮތީ އެންމެ މަގުސަދެއްކަމަށެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށާއި، މިފަހަރުވެސް އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ނިކުންނަނީ ގައުމު ތަރައްގީކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މުރައިދޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން، ޕީޕީއެމްގެ ސަރުކާރުން އެ ރަށުގައި ފެށީ ތިން މަޝްރޫއު ކަމަށާއި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ދައުރު ބަދަލުވި އިރުވެސް ހުރީ ނުނިމިކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ހަތް ޕްރޮޖެކްޓް މަސައްކަތް ނިންމައިފައިވާއިރު، އިތުރު ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެގޮތުން، ފެނާއި ނަރުދަމާ މަސައްކަތާއި، އިންޖީނުގެގޭގެ މަސައްކަތުގެ އިތުރުން ފުޓްބޯޅަ ދަނޑުވެސް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ ދައުރުގައިވެސް މުރައިދޫއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ މަގުތަކުގެ މައްސަލަ ރައްޔިތުން ވަރަށް ބޮޑަށް ފާހަގަކުރާކަމަށެވެ. އެހެންކަމުން، ރަނގަޅު ފެން ހިންދޭނެ ނިޒާމަކާއެކު މަގުތަކަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. މީގެއިތުރުން، ގިރާ ސަރަހައްދު ހިމާޔަތްކޮށް ވޮލީ ކޯޓެއްވެސް އަޅައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މުރައިދޫ ރައްޔިތުން ވިސްނަވަންވީ ވައުދުތަކާއި އެއް ގޮތަށް ސުލްހަވެރިކަމާއި ހަމަޖެހުމާއި އެކު ރާއްޖެ ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ކަމަށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ވައުދުތައް ފުއްދުމުގައި ދެމިތިބެވޭނީ ކިހިނެއްތޯ ވިސްނައި އެގޮތަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *