އަންނަ ދައުރުގައި ހއ. އުތީމު ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތްކޮށް، އިޖްތިމާއީ މަރުކަޒަކާއި ރޯހައުސް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު އުތީމަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ އުތީމަކީ އަމާންކަން އިސްކޮށް، ހަމަޖެހުމަށް ލޯބިކުރާ، އަދި އެކީގައި ދިރިއުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ.
އެ ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ސިޔާސީ ވިސްނުން އެއްފަރާތްކޮށް ތަރައްގީއަށް މަސައްކަތް ކުރާ މީހުން ދިރިއުޅޭ ރަށެއް ކަމަށެވެ. އެގޮތުން، އެ ރަށު ކައުންސިލަކީ މުޅީން އެއްކޮށް ޕީޕީއެމް ކައުންސިލެއް ނަމަވެސްް، ރައީސްއާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ކައުންސިލުން ޔަގީންކޮށްދިނީ ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.
އެގޮތުން، ކުރިއަށް އޮތް ދައުރުގައިވެސް އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށާއި އޭގެތެރެއިން ރަށުގެ ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ އަދި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ޒުވާނުންނަށް ރޯހައުސްގެ ޕްރޮޖެކްޓެއް ވެސް ހިންގުމަށް ނިންމާފައިވާ ކަމަށާއި އިޖްތިމާއީ މަރުކަޒެއްވެސް ޒުވާނުންނަށް އަޅައިދެއްވާނެ ކަމަށެވެ.
އުތީމަކީ ޒަމާނުއްސުރެ ޕީޕީއެމް ތާއީދު ބޮޑު ރަށެކެވެ. 2008 ވަނަ އަހަރު އެ ރަށުގެ ގިނަ ރައްޔިތުން ވޯޓު ދިނީ ރައީސް މައުމޫންއަށެވެ. އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ރަށުން އެމްޑީޕީ ކެނޑިޑޭޓަށް ލިބުނީ އެންމެ 5 ވޯޓެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ރައްޔިތުންނަކީ ބަދަލާއެކު ނުތަނަވަސްކަން އިހުސާސް ކުރެވޭ ބައެއް ކަމަށާއި، އެމަނިކުފާނުގެ އެދުމަކީވެސް މިހާރު މިހިނގާ ތަރައްގީގެ މަޝްރޫއުތަކާއެކު އެ ރަށު ރައްޔިތުން ކުރިއަށް ވަޑައިގެންނެވުން ކަމަށެވެ.