ރައީސްގެ ވައުދު ހަނިމާދޫއަށް: ހުރިހާ މަގެއް ހަދައި، ފުޓުބޯޅަ ދަނޑު ޒަމާނީކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް

IMG_2578

ކުރިޔަށް އޮތް ދައުރުގައި ހދ.ހަނިމާދޫގެ ހުރިހާ މަގެއް ހަދައި، ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދެއްވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ހަނިމާދޫގައި ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައިވެސް ބޮޑުތިލަދުން މައްޗަށް ބޮޑު ބަދަލެއް ގެންނާނީ މި ސަރުން ކަމަށާއި، މިގޮތުން ރަށުގައި މިހާރު ނުހެދި ހުރި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި، ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ހަނިމާދޫގައި އަންނަ ދައުރުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ބެޑްމިންޓަން، ވޮލީ އަދި ނެޓްބޯލް ކުޅެވޭނެ ކަމަށާއި، އަދި އެތަން ތަރައްގީކުރާނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ކަމަށެވެ.

މީގެއިތުރުން ހަނިމާދޫގެ ފުޓުބޯޅަ ދަނޑުގައި މި ދައުރު ޓާފް އަޅާފައިވާއިރު، ޒުވާނުންގެ އެދޭ ގޮތަށް ކުރިޔަށް އޮތް ދައުރުގައި ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ. މިގޮތުން ރޮސްޓްރޮމް އާއި ސިޑިބަރި އަދި ޗޭންޗިން ރޫމް ތަރައްގީކޮށް ޒަމާނީ ފުޓުބޯޅަ ދަނޑަކަށް އެތައް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫއަކީ ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ އެއް މަރުކަޒުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ އެ އެއާޕޯޓް އެޅުމަށްފަހު އަޅާނުލައި ބާކީވެފައި އޮތް އެއާޕޯޓެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 1.5 މިލިއަން ފަތުރުވެރިންނަށް އަހަރަކު ހިދުމަތްދެވޭވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *