ރައީސްގެ ވައުދު ބަނޑިދޫއަށް؛ ބިން އިތުރުކޮށް، މަގު ހަދައި، އައު ކައުންސިލް އިދާރާއެއް އަޅައިދޭނަން

IMG_8917

ކުރިޔަށް އޮތް ދައުރުގައި ދ.ބަނޑިދޫއަށް ބިން އިތުރުކޮށް ރަށުގައި އައު ކައުންސިލް އިދާރާއެއް އަޅައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބަނޑިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި ބަނޑިދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ބިން އިތުރުކޮށްދޭނެ ކަމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ހަދައި ރަށުގައި އައު ކައުންސިލް އިމާރާތެއް އަޅައިދޭނެ ކަމަށެވެ.

މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސްކޫލަށް ކްލާސް ރޫމް އިތުރުކޮށް، މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށާއި، އަދި މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ ކުނި މެނޭޖް ކުރުމުގެ ބޮޑު މަޝްރޫއަށް ބަނޑިދޫ އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބަނޑިދޫގައި އައު އިންޖީނުގެއެއް ގާއިމުކޮށް އައިސް ޕްލާންޓެއް ބަހައްޓައި ރަށުގެ ރައްޔިތުންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ބަނޑިދޫ ކައިރީ އެއާޕޯޓެއް އެޅުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހު ނިންމާ ނިންމުމެއް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އަދި ބިން އިތުރު ކުރުމަށްފަހު ބޯހިޔާވެހިކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *