ރައީސްގެ ވައުދު ހުޅުދެލިއަށް: ބިން ބޮޑުކޮށް، މަގު ހަދައި، ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް

IMG_9030

އަންނަ ދައުރުގައި ދ. ހުޅުދެލި ބިން ބޮޑުކޮށް، ކަނދުފައްޗަކާއި އައިސްޕްލާންޓެއް ބަހައްޓައި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށް، މަގު ހަދައި، ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރަކާއި އައު ކައުންސިލް އިދާރާއެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ހުޅުދެލިއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ ހުޅުދެއްޔަކީ ރާއްޖޭގައި އަތްތެރި މަސައްކަތުގައި އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށެވެ. އެންމެ ރަނގަޅަށް އެކަން ކުރާ، އަދި އެންމެ ގިނަ ދުވަސްވަންދެން އެކަން ކުރާ މީހުންވެސް އުޅެނީ އެ ރަށުގައި ކަމަށާއި، އަދި އެއީ އާސާރީ މިސްކިތާއި ތާރީހީ އެތައް ކަމެއް އެކުލެވިގެންވާ ރަށެއް ކަމަށެވެ. ހުޅުދެލީގެ ރައްޔިތުންނަށް ރައީސް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

އޭގެ ފަހުން ދާއިރާގެ މެންބަރު ޝިޔާމް ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާފައިވާ ކަންތައްތަކަށްވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، މަޖިލީހުގައި އެމަނިކުފާނު އުޅުއްވި އިރު، ޝިޔާމާއި ސިޔާސީ ފިކުރު ތަފާތު ނަމަވެސް ރައްޔިތުންނަށް ފައިދާވާ ކަންކަން ނިންމުމުގައި އަބަދުވެސް ޝިޔާމްގެ އެހީ ލިބޭ ކަމަށެވެ. "ޝިޔާމް އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމީ ވިސްނުމެއްގައިި، އިރާދަކުރެއްވިއްޔާ ޝިޔާމާއި ތިބޭފުޅުން އަޅުގަނޑުމެންނާއެކު ތިބުމުން ދާއިރާއަށް ގެއްލުމެއް ނުވާނެ، ވާނީ ފައިދާ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ދައުރުގައި ކޮށްދެވުނު ކަންތައް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ 2018 ވަނަ އަހަރުވީ ވައުދުތަކުގެ 90 އިންސައްތަ ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. ހުޅުދެއްޔައްވެސް ވީ ވައުދުތަކާއެކު ގިނަ ކަންކަން ވަނީ ނިންމާފައެވެ. އަންނަ ދައުރުގައވެސް އެ ދާއިރާއިން އެންމެ ގިނަ ކަންކަން ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ރަށަށެވެ. އެގޮތުން، ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރަކާއި، ރަށު ކައުންސިލްގެ އައު އިދާރާއެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި މަސްވެރިންނަށް ކަނދުފައްޗެއް އަޅައިދީ އައިސްޕްލާނެޓެއް ބަހައްޓައިދޭނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެފައެވެ.

ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅައިދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި، ހުޅުދެއްޔަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިން ހިއްކައި ރަށް ބޮޑު ކޮށްދޭނެކަން މިއަދު ވަނީ އިއުލާންކޮށްފައެވެ. ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް އަޅައިދީ އޭޓީއެމް މެޝިނެއްވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް ވިދާޅުވީ، ޖުމްލަ 11 އާއި ގާތްކުރާ އަދަދަކަށް އަންނަ ދައުރުގައިވެސް އެ ރަށަށް ޕްރޮޖެކްޓްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *