ރައީސްގެ ވައުދު ހޯނޑެއްދޫއަށް: މަގު ހަދައި، މިސްކިތަކާއި، ފުޓްބޯޅަ ދަނޑެއް އަދި ވޮލީ ކޯޓެއް އަޅައިދޭނަން

IMG_4621

އަންނަ ދައުރުގައި ގދ. ހޯޑެއްދޫ ރަށްގިރުން ހައްލުކޮށް، މަގު ހަދައި، އައު މިސްކިތަކާއި، ފުޓްބޯޅަ ދަނޑެއް، އަދި އަންހެނުންނަށް ހާއްސަ ވޮލީކޯޓަކާއި ފުޓްސެލް ދަނޑެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ހޯޑެއްދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ހޯޑެއްދޫއަކީ އަބަދުވެސް އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ލިބޭ ރަށެއްކަމަށެވެ. އެއީ އެމްޑީޕީގެ ވިސްނުމާއި ރައްޔިތުންގެ ވިސްނުން ދިމާވާތީއެވެ. އަދި، ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް އަބަދުވެސް ކުރަމުން ގެންދާތީއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމުގެ މަތިން މި ދައުރުގައިވެސް އެ ރަށަށް ގިނަ ކަންކަން ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން، މި ދައުރުގައި ސަރުކާރުން އަޅާ އެންމެ ބޮޑު އެއް ބަނދަރު އަޅަމުން ދަނީ އެ ރަށުގައެވެ. ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް މިހާރު އަންނަނީ ނިމެމުންނެވެ.

އަންނަ ދައުރުގައި ހޯޑެއްދޫއަށް ކޮށްދޭން ހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށެވެ. "މަޑަވެއްޔާއި ދެމެދު އެ ހެދޭ ކޯޒްވޭ ނިމުމުން ފަސޭހައިން އެއްގަމު އުޅަނދުގައި ދަތުރުކުރެވޭ ގޮތް ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އުތުރުގައި ހަދާފައި އޮތް ހައުސިންގ ޔުނިޓު ސަރަހައްދުގައި މިސްކިތެއް އަޅައި، އަންހެނުންނަށް ހާއްސަ ވޮލީ ކޯޓަކާއި ފުޓްސެލް ދަނޑެއްގެ އިތުރުން ހޯޑެއްދޫއަށް ބޮޑު ފުޓްބޯޅަ ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ހޯޑެއްދޫއަކީ ވެށި ވަރަށް ހިތްފަސޭހަ ރަށެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރަށް ގިރުމުގެ މައްސަަލަ ހައްލުކޮށް، ލޯކަލް ޓޫރިޒަމް އެ ރަށުގައި ކުރިއެރުވުމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް އަންނަނީ މިހާރު ގދ. އަތޮޅަށް ދަތުރުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *