ރައީސްގެ ވައުދު ފަރެސްމާތޮޑާއަށް: މަގު ހަދައި، އައިސް ޕްލާންޓެއް ބަހައްޓައ،ި ޒުވާނުންގެ މަރުކަޒެއް އަޅައިދޭނަން

IMG_9857

ކުރިޔަށް އޮތް ދައުރުގައި ގދ.ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އައިސް ޕްލާންޓެއް ބަހައްޓައި، ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފަރެސްމާތޮޑާއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަރެސްމާތޮޑާގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތަށް އައިސްޕްލާންޓެއްވެސް ގާއިމުކުރާނެ ކަމަށާއި، އަދި ޒުވާނުންނަށް ބޭނުންވާ ޔޫތު ސެންޓަރެއް ވަސީލަތްތަކާއެކު ގާއިމުކޮށްދޭނެ ކަމަށެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓްގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށާއި، އަދި އެއާޕޯޓް ކައިރީ ސިޓީ ހޮޓަލެއްވެސް ތަރައްގީކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ފަރެސްމާތޮޑާގެ ހެލްތު ސެންޓަރުގެ އައު އިމާރާތެއްގެ އިތުރުން ރަށުގައި ބޮޑު ހުކުރު މިސްކިތެއް އަޅައި، ބަނދަރާއި ނެރު ފުންކޮށް ރަނގަޅު ފެންވަރުގެ މޫދަށް އެރޭ ސަރަހައްދެއްވެސް ގާއިމުކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ފަރެސްމާތޮޑާ ކައިރީ އޮތް ކަޅައިދޫ އެ ރަށާ އެއްކޮށްލައި، ކަޅައިދޫގައި ފްލެޓް އަޅައިދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *