ރައީސްގެ ވައުދު ކޮނޑޭއަށް: ބަނދަރު ބޮޑުކޮށް، ހައުސިންގ ޔުނިޓާއި ފުޓްބޯޅަ ދަނޑެއް އަޅައިދޭނަން

IMG_6562

އަންނަ ދައުރުގައި ގއ. ކޮނޑޭ ބަނދަރު ބޮޑުކޮށް، ހައުސިންގ ޔުނިޓާއި ފުޓްބޯޅަ ދަނޑެއްވެ އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކޮނޑޭއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކޮނޑޭއަކީ ހުވަދޫގައި އޮތް އެންމެ އާސާރީ އެއް ރަށް ކަމަށެވެ. ގަލު ވަޑާމަށް މޮޅު، މަސައްކަތްތެރިން ގިނަ ރަށެއް ކަމަށެވެ. މާލޭގެ ހުކުރު މިސްކިތް ބިނާ ކުރުމުގައިވެސް އެންމެ އިސްކޮށް ތިބީ އެ ރަށު ވަޑިންނެވެ.

އެހެންނަމަވެސް، ކޮނޑޭއަކީ އާބާދީ ކުޑަ ރަށެކެވެ. އޭގެ ސަބަބުން، ގިނަ ސަރުކާރުތަކުން އޮތީ ކޮނޑޭއަށް އަޅާނުލައެވެ. ރައީސް ވިދާޅުވީ، ކޮނޑޭގެ ރައްޔިތުންވެސް ބޭނުންވާ އަސާސީ ކަންކަން ކުރަމުންދަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން، އަސާސީ ކަންކަން މިހާރު އެ ރަށުން ނިމެމުންދާއިރު، ކައުންސިލުން ވަނީ ރަށުން ގޯތި ދޫކުރުމަށް ވެސް އިއުލާންކޮށްފައެވެ. އެއާއެކު، ކޮނޑޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވޭނެކަން ފާހަގަކޮށް، ރައީސް ވަނީ އެކަމަށް މަގުފަހި ކޮށްދިނުމަށް ކޮށްދޭން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަންނަ ދައުރުގައި އިތުރަށް ކޮނޑޭއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ކޮނޑޭގެ ބަނދަރު ބޮޑުކޮށް ލަފާފުރުމަށް ފަސޭހަ ބަނދަރަކަށް ހެދުން ކަމަށެވެ. އަދި، ކޮނޑޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިންގ ޔުނިޓު އަޅައި، ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑުވެސް އަންނަ ދައުރުގައި އަޅައިދޭނެކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

އިތުރަށް ރައީސް ވިދާޅުވީ، ކޮނޑޭގެ ރައްޔިތުން އެމްޑީޕީގެ މި ސަރުކާރު ބަލައިގެންފައިވާ ކަމަށާއި، ސެޕްޓެމްބަރު 9ގައި ރައްޔިތުން ނިކުމެ އެމްޑީޕީއަށް ގިނަ އަދަދަކަށް ވޯޓު އަޅަންޖެހޭކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *