ރައީސްގެ ވައުދު ފޮއްދޫއަށް: އައު މިސްކިތަކާއި، ޔޫތު ސެންޓަރެއްގެ އިތުރުން ފުލުސް އޮފީހެއް އަޅައިދޭނަން

IMG_1898

އަންނަ ދައުރުގައި ނ. ފޮއްދޫގައި އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފޮއްދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރާއި އަޅައިބަލާއިރު ފޮއްދޫ ވަރަށް ބޮޑަށް ބަދަލުވެފައިވާކަން މިއަދު އިހުސާސް ކުރެވޭ ކަމަށެވެ. ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކު ކުދި ރަށްތަކަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައިވާ ކަމުގެ އުފާ މިއަދު ލިބޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފޮއްދޫއަކީ ރަށު ފަތުރުވެރިކަމަށްވެސް ފައްކާވެފައިވާ ރަށެއް ކަމަށާއި، އެކަން ކުރިނާރާ އޮތީ ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރަށުން ނުލިބި އޮތުމުން ކަމަށެވެ. މިހާރު އަސާސީ ހިދުމަތްތައް ގާއިމްވަމުން އަންނަ އިރު، ރައީސް އެދިވަޑައިގެންނެވީ ރަށުގެ ވިޔަފާރިވެރިންނާއި ޒުވާނުންވެސް އެކަމާއިމެދު ވިސްނައި، އަންނަ ދައުރުގައި އެ ރަށަށް އިންވެސްޓް ކުރުމަށް ތައްޔާރަށް ތިބުމަށެވެ. އެކަމަށް ފަހި ފުރުސަތު އަންނަ ދައުރުގައި ލިބޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ އަރުވާފައެވެ.

އަންނަ ދައުރުގައި ފޮއްދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ހެލްތު ސެންޓަރުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ މަރުހަލާގައި ކަމަށާއި ލަސްތަކެއް ނުވެ އެކަން ފެށޭނެ ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް އަޅައި، ޒުވާނުންނަށް ޔޫތު ސެންޓަރަކާއި އައުޓްޑޯ ޖިމެއް އަޅާނެ ކަމަށެވެ. މީގެއިތުރުންވެސް، ފުލުހުންގެ ހިދުމަތް ދިނުމަށް ކުޑަ ފުލުސް އޮފީހެއްވެސް އަޅުއްވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޞޯލިހު ވިދާޅުވީ، ދެން ކެމްޕޭނު ކުރައްވާ ފަރާތްތަކުން ދައްކަވަނީ ހަމައެކަނި ބޮޑެތި އާބާދީތަކަށް އިސްކަން ދިނުމުގެ ވާހަކަ ކަމަށާއި، އޭގެ ސަބަބުން ފޮއްދޫފަދަ ކުދި ރަށްތައް ބާކީވެގެން ދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *