ރައީސްގެ ވައުދު ލަންދޫއަށް: ބޮޑެތި މަގުތަކުގައި ތާރު އަޅައި، ކޮމިއުނިޓީ ސެންްޓަރެއް އަޅައިދޭނަން

IMG_0247

އަންނަ ދައުރުގައި ނ. ލަންދޫގައި ބޮޑެތި މަގުތަކުގައި ތާރު އަޅައި، ގޮނޑުދޮަށް ހިމާޔަތްކޮށް، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ކޮމިއުނިޓީ ސެންްޓަރަކާޢި، އިންޑޯ ޖިމެއް، އަދި ކުނި މެނޭޖް ކުރާނެ ނިޒާމަކާއި، އައު މަސްމާރުކޭޓެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ލަންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ނޫނު އަތޮޅުގެ މުސްތަގްބަލު ވަރަށް އުޖާލާ ކަމަށެވެ. ލަންދޫފަދަ ގިނަ ރަށްތަކަށް ކުރިން އިހުމާލުވެފައި އޮތް ނަމަވެސް، އެމްޑީޕީގެ މި ސަރުކާރުގައި އަސާސީ ގިނަ ހިދުމަތްތައް މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ.

2018 ވަނަ އަހަރު ޖަޒީރާ މެނިފެސްޓޯއަކާއި އެކު ނިކުތް އިރު، މިފަހަރު އެމްޑީޕީއިން ނިކުންނަނީ ފަސް ކަމެއްގެ މައްޗަށް ބިނާވެފައި އޮތް އުފާވެރި އަމާން ރާއްޖެ މެނިފެސްޓޯއާއެކުއެވެ. އޭގެ ތެރެއިން، ނ. ވެލިދޫގައި ރޭ ވަނީ ޒުވާނުންނާއި ގުޅޭ ބައި އިއުލާން ކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މިހާތަނަށްވެސް ޒުވާނުންނަށް އެންމެ ގިނަ ކަންކަން ކޮށްދިނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން، ހިލޭ ޑިގްރީގައި 18،000 ކުދިން ކިޔަވަމުންދާ ކަމަށާއި، މަތީ ތައުލީމު ލޯނަށް ނަގަމުން އަންނަ އެޑްމިނިސްޓްރޭޓިވް ޗާޖްވެސް ކުޑަކޮށްދީފައިވާ ކަމަށެވެ. އަންނަ ދައުރުގައި، އެ ލޯނުގެ ގްރޭސް ޕީރިއަޑްވެސް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުންވެސް، ޒުވާނުންނާއި ކުޅިވަރު އެއް މިނިސްޓްރީއެއްގެ ދަށުން ހިންގުމުގެ ސަބަބުން، ދަތިތަކެއް މިހާތަނަށް ކުރިމަތިވާ ކަމަށާއި، ދެކަމަށް ވަކިން ދޭންޖެހޭ އަހަންމިއްޔަތު ނުދެވޭ ކަމަށެވެ. މިއީ ޒުވާނުންނާއި ކުޅިވަރުގައި އުޅޭ މީހުންގެވެސް ޝަކުވާއެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ މިނިސްޓްރީ ބަދަލުކޮށް، ވަކި ދެ މިނިސްޓްރީ އުފައްދާނެ ކަމަށެވެ.

އަންނަ ދައުރުގައި ލަންދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ލަންދޫގެ ރައްޔިތުން ބޭނުންވަނީ އަމިއްލަ ގެވަޅުގައި ގެ އަޅައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެކަމަށް ފަހި ފުރުސަތެއް އަންނަ ދައުރުގައި ހުޅުވާލައްވާނެ ކަމަށެވެ. އިތުރަށް، ލަންދޫގެ ފެނާއި ނަރުދަމާ ނިމުމާއެކު މަގު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅާނެ ކަމަށެވެ. ލަންދޫގެ ގޮނޑުދޮށްވެސް އަންނަ ދައުރުގައި ހިމާޔަތްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުވެސް 24 ގަޑިއިރަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

މީގެއިތުރުންވެސް، އެ ރަށުގައި ކޮމިއުނިޓީ ސެންޓަރަކާއި، އިންޑޯ ޖިމެއްގެ އިތުރުން، ފުޓްސެލް ދަނޑު އަޕްގްރޭޑް ކުރުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ކުނި މެނޭޖް ކުރާނެ ޒަމާނީ ނިޒާމަކާއި، މަސް މާރުކޭޓަކާއި ކުޑަކުދިންގެ ޕާކެއްވެސް އަޅައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.

ރައީސް އެދިވަޑައިގަތީ އެހެން ކެނޑިޑޭޓުން ދައްކާ ވާހަކައަށް ރައްޔިތުން ސަމާލުވެ ތިބުމަށެވެ. އެގޮތުން، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީ ކުރަނީ ހަމައެކަނި އެމްޑީޕީއިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *