ރައީސްގެ ވައުދު މާފަރަށް: 25 ހެކްޓަރުގެ ބިން އިތުރުކޮށް، ބޮޑެތި މަގުތައް ހަދައިދޭނަން

IMG_0386

އަންނަ ދައުރުގައި ނ. މާފަރަށް 25 ހެކްޓަރުގެ ބިން އިތުރުކޮށް، ބޮޑެތި މަގުތައް ހަދައި، އައު ކައުންސިލް އޮފީހަކާއި، ސްކޫލަށް ސައިންސް ލެބަކާއި، ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި، ކުޑަކުދިންގެ ޕާކެއްއަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މާފަރަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، މާފަރު ރައްޔިތުންގެ މިވަގުތުގެ އެންމެ ބޮޑު ޝަކުވާއަކީ ސިއްހީ މަރުކަޒުގެ މައްސަލަ ކަމަށެވެ. އެ މަސައްކަތް ކުޑަކޮށް ލަސްވެގެން ދިޔަނަމަވެސް، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތްވެސް އެ އެއާޕޯޓް ހެދި މީހުން އަނެއްކާވެސް ފަށާފައިވާއިރު، އެ މަސައްކަތް ނިމޭއިރު މާފަރު ރަންވޭއަކީ ރާއްޖޭގެ އެންމެ ދިގު ރަންވޭއަށް ވެގެންދާނެ ކަމަށެވެ. އެއާއެކު، އެ ސަރަހައްދުގައި ޓޫރިޒަމް ހަބަކަށް މާފަރު ބަދަލުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާވެފައެވެ.

އަންނަ ދައުރުގައި މާފަރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް 20 ހެކްޓަރުގެ ބިން ހިއްކުމަށް ކޮންޓްރެކްޓް ކުރެވިފައިވާއިރު، އޭގެ އިތުރަށް 25 ހެކްޓަރު ބިން އިތުރުކުރައްވާނެ ކަމަށެވެ. ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށްވެސް ނިންމާފައިވާއިރު، އައު ކައުންސިލް އޮފީހަކާއި، ފުޓްބޯޅަ ދަނޑެއްގެ އިތުރުން، ސްކޫލަށް ސައިންސް ލެބަކާއި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި، ކުޑަކުދިންގެ ޕާކެއް ވެސް އަޅުއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ މާފަރުން ބޮޑު ކާމިޔާބީއެއް ލިބޭނެކަން އެމަނިކުފާނަށް ޔަގީންވާ ކަމަށެވެ. މާފަރު ރައްޔިތުން އެދެނީ ރަށަށް އަންނަ ތަރައްގީއާއެކު ކުރިއަށް ދިޔުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *