ބ.ކަމަދޫގެ ފެނާއި ނަރުދަމާގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

F3jZmgIaQAAvRgA

ބ.ކަމަދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިޔަށްދަނީ ޕަމްޕް ސްޓޭޝަން އާއި އާރްއޯ ޕްލާންޓްގެ އިތުރުން ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 4.38 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައިނެޓްވޯކް ގާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރ ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައިނެޓްވޯކް ޤާއިމްކުރުމާއި، 474 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ.

މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް 56.6 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *