ރައީސްގެ ވައުދު ރަސްދޫއަށް: ކައިރިން ފަޅެއް ހިއްކައި، ފްލޯޓިންގ ސީ ޕްލޭން ޕްލެޓްފޯމެއް އަޅައިދޭނަން

DSC_0546

އަންނަ ދައުރުގައި އއ. ރަސްދޫގައި އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ރަސްދޫގެ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގައި މުހިންމު ބައިވެރިން ކަމަށެވެ. އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމުގައި، ރަސްދޫގެ ބައެއް ރައްޔިތުން އެމްޑީޕީއާއި ފެޔަށް ޖެހިފައިވާ ކަމަށާއި، އެހެންނަމަވެސް ގައުމުގެ މުސްތަގްބަލު މިވަގުތު އިސްކުރުމަށް ރައީސްވަނީ ރަސްދޫގެ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދިފައެވެ.

އިދިކޮޅުން ކަންކަން ކުރަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި، ކެމްޕޭން ތެރޭގައި އަބަދުވެސް ދައްކާ ވާހަކައަކީ "ކޮންމެވެސް މީހެއް ޖަލަށް" ލުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ، އެމްޑީޕީއިން އެފަދަ ބަދަލު ހިފުމުގެ ވާހަކައެއް ނުދައްކާ ކަމަށާއި، އަދި ޝަރުއީ ދާއިރާއަށް އަތްބޭނުމުގެ މަސައްކަތްވެސް ނުކުރައްވާ ކަމަށެވެ. ރައީސް ޔާމީން ޖަލުގައި އޮތުމަކީ އެމަނިކުފާނުވެސް ދެރަވާކަމެއް ކަމަށާއި، އެހެންނަމަވެސް އެއްވެސް ކޯޓަކަށް އަތް ބާނައިގެން ރައީސް ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް ރައީސް ޞޯލިހު ވަނީ ވިދާޅުވެފައެވެ.

ރަސްދޫގެ ތަރައްގީއަށްވެސްް ގިނަ ކަންކަން ކުރަނީ މި ސަރުކާރުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބަނދަރު ހެދުމަށް ބޭނުންވާ މަސައްކަތްވެސް އީއައިއޭ ނިމުނުހާ އަވަހަކަށް ފެށިގެންދާނެ ކަމަށެވެ. އަދި، ރަށުގެ ގެސްޓްހައުސް ހިންގާ ބޭފުޅުން ބޭނުންވާ ޕިކްނިކް އައިލެންޑްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި، ހައުސިންގ ޔުނިޓު މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

އަންނަ ދައުރުގައި ރަސްދޫގެ ތަރައްގީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަސްދޫއަކީ ބިން ބޮޑު ކުރެވެން ނެތް ރަށެއް ކަމުން، ކައުންސިލާއި ވާހަކަ ދައްކައިގެން ރަސްދޫ ކައިރިން ފަޅެއް ހިއްކައިދެއްވާނެ ކަމަށެވެ. އަދި، އޮފީސް ކޮމްޕްލެކްސްއަކާއި، ސްކޫލަށް މަލްޓި ޕާޕަސް ހޯލަކާއި، މަލްޓި ސްކިލް ކްލާސްރޫމް ބްލޮކަކާއި، ލައިބްރަރީއާއި ކޮމްޕިއުޓަރ ލެބް އަދި ޕްލޭ އޭރިއާ އިތުރުކުރެވޭނެ ކަމަށެވެ. މީގެއިތުރުން، ޒުވާނުންނަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ރަށު ކައިރިން ފްލޯޓިންގ ސީ ޕްލޭން ޕްލެޓްފޯމެއް އަޅައިދެއްވާނެ ކަމަށެވެ. އަދި، ރަސްދޫގައި ސްވިމިންގ ޓްރެކަކާއި، ފުޓްބޯޅަ ސްޓޭޑިއަމް ޗޭންޖިންގ ރޫމާއި ސިޑިބަރިވެސް އަންނަ ދައުރުގައި އަޅާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއަދު ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަސްދޫގެ ރައްޔިތުންވެސް ނިންމުން ނިންމާނީ ވަރަށް ވިސްނާފައި ކަމަށާއި، އެމްޑީޕީއަށް އެ ރަށުން ކާމިޔާބު ވާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *