ޕީޕީއެމް ވެރިކަމަށް އައިސްފިނަމަ ހަނިމާދޫ އެއާޕޯޓް މަސައްކަތް ހުއްޓާލާނެ: ޝާހިދު

353126_3_498467d8702c498f7ca4fc64092ec4e925dc95c7_large (1)

އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައިސްފިނަމަ، ހަނިމާދޫ އެއާޕޯޓް ހުއްޓާލާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ހއ.، ހދ.، އަދި ށ އަތޮޅަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރ މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ރޭ ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ހުއްޓާލާނެ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އެފަދަ ރޭވުންތައް ރާވަމުން ދާކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، މި ވާހަކަތައް އެ ދާއިރާތަކުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"ޕީޕީއެމް އިން ވެރިކަމަށް އައުމަށް ރާވާފައިއޮތް ރޭވުމުގެ ތެރޭގައި އޮތީ، އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އެއާޕޯޓް ހުއްޓާލަން. އެކަމުގެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. ރޭވުންތައް އެމީހުން ރާވަމުން ދަނީ. މުޅި ހަނިމާދޫ ޕްރޮޖެކްޓް ފެއިލްކޮށްލަން އެމީހުން އޮތީ ނިންމާފައި" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ޑރ. މުއިއްޒު އަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ޕީޕީއެމް ވެރިކަމެއްގައި އެއްވެސް ކުރިއެރުމެއް ބޮޑުތިލަދުންމައްޗަށް ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަން އެ ބޭފުޅުންގެ ކުރީގެ ވެރިކަމުންވެސް ސާފުވާ ކަމަށާއި، ޑރ. މުއިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނަވައިގެން "ބޯހިޔާވަހިކަމުގެ އެންމެ ޓިނުގަނޑެއްވެސް ކުޅުދުއްފުށީގައި ނޭޅޭ" ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. 2.1 ބިލިއަން ރުފިޔާގެ އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުއެވެ. މަޝްރޫއު ނިމިގެންދާއިރު، އެ އެއާޕޯޓްއިން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *