ރައީސްގެ ވައުދު ބޮޑުފޮޅުދޫއަށް: ރޯހައުސް އަޅައި، މަގު ހަދައި، ދިއްގާފަޅުގައި ޕިކްނިކް އައިލެންޑެއް

DSC_1036

އަންނަ ދައުރުގައި އއ. ބޮޑުފޮޅުދޫގައި އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ބޮޑުފޮޅުދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ގައުމު ތަރައްގީވެ، ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ރަށެއްގައި ހަމަޖެހިގެން ދިރިއުޅުމަށް ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ބޮޑުފޮޅުދޫފަދަ ރަށްތައް ބާކީ ކުރެވިފައިވީ ނަމަވެސް، މި ސަރުކާރުން އައިސް އަސާސީ ހިދުމަތްތައްވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ރަށުގެވެސް ފެނާއި ނަރުދަމާ މި ސަރުކާރުން އަޅާފައިވާއިރު، ބަނދަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ ބޭނުމަކީ އިގްތިސާދީ ތަނަވަސްކަން ހޯދުމަށް ބިންގާ އެޅުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ލޯކަލް ޓޫރިޒަމް ކަމުގައިވިޔަސް، ސަރުކާރުން އެކަންކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އެކަމަށް ލުއި ލޯނުވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އަންނަ ދައުރުގައި ބޮޑުފޮޅުދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބަނދަރު ބޮޑުކޮށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެކަންކަން ހައްލުކުރުމަށް އަންނަ ދައުރުގައި ބަނދަރު ބޮޑުކޮށް، ރޯހައުސް އެ ރަށުގައި އެޅުމުގެ އިތުރަށް، ފެންބޮޑުވާ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގުތައް ހަދައިދޭނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި، ކައުންސިލް އިދާރާއަކާއި، ކޯޓުގެ ހިދުމަތާއި، ފުލުހުންގެ ހިދުމަތަށް އޮފީސް ކޮމްޕްލެކްސްއަކާއި، ޒުވާނުންނަށް ހޭންޑްބޯލް ކޯޓަކާއި ފުޓްސެލް ދަނޑެއްވެސް އަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ސްކޫލް އެއް އިމާރާތަކަށް ބަދަލު ކުރުމަށް 12 ކްލާސްރޫމް އަޅައި، ދިއްގާފަޅުގައި ޕިކްނިކް އައިލެންޑެއް އަޅައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ބޮޑުފޮޅުދޫ ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް އޮތް ދުވަސްތަކުގައި އެ ރަށު ބިން ހިއްކުމުގެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ޞޯލިހު އެދިވަޑައިގަތީ ރާއްޖެއަށް މިއަންނަ ބޮޑު ބަދަލާއެކު ކުރިއަށް ދިޔުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *