ރައީސް ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑާއި، ވޮލީކޯޓް ހުޅުއްވައިދެއްވައި، މަތިވެރީގައި ފެނުގެ ހިދުމަތް ފަށްޓަވައިދެއްވައިފި

F3pmXEpb0AEgeCy

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް، އއ.ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި އއ. މަތިވެރީގައި ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފްއަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އއ. މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *