ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން މި ސަރުކާރުން ކުރަމުން ދިޔުމާއެކު، ޕީއެންސީ/ސަލަފްގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަންނަނީ ވައުދުތައް ތަކުރާރު ކުރައްވަމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގިނަ ކަންކަން މި ސަރުކާރުން ކުރަމުން ދިޔުމާއެކު، މުއިއްޒު އަންނަނީ މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވައުދުތައް ތަކުރާރު ކުރައްވަމުން ކަމަށާއި، އެބޭފުޅުންގެ އެއްވެސް ތަސައްވަރެއް އަދި އަމާޒެއް ނެތް ކަމަށެވެ.
ނަމަވެސް އެމްޑިޕީއަކީ އަބަދުވެސް ރައްޔިތުން ގާތަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިގެން މެނިފެސްޓޯ ތައްޔާރު ކުރާ ބައެއް ކަމަށާއި، އަދި ހުރިހާ ކަމެއްވެސް ކުރަނީ އެކަންކަން ކުރެވޭނެ މަގު ހޯދައި ތަރުތީބުވެގެން ކަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.
"ރިޔާސީ އިންތިހާބުގެ ނޮމިނޭޝަންސް އަންނަން އެއް ދުވަހަށް ވެފައި ވަނިކޮށް މުއިއްޒު ޕީޕީއެމް އިން ވަކިވެ ޕީއެންސީއަށް ބަދަލުވެ އެ ޕާޓީގެ ސެނެޓް ގަނެލައިގެން ރިޔާސީ ޓިކެޓު ހޯއްދެވީ. އެކަން ނިމިގެންދިޔަ ގޮތުންވެސް އެ މީހުންގެ މެނިފެސްޓޯއެއް ނޯންނާނެކަން އެނގޭ" މިނިސްޓަރު މާރިޔާ
މީގެއިތުރުން ރަށްރަށުގެ ރައްޔިތުންނަށް މުއިއްޒު އޮޅުވާލަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، ކުޑަ ރަކަށް މުއިއްޒު ވަޑައިގެންފިނަމަ ކުޑަ ރަށްރަށަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވަމުން އަންނަ ކަމަށާއި، އަދި ބޮޑު ރަށަކަށް ދެވިއްޖެނަމަ ބޮޑު ރަށްރަށަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވަމުން އަންނަ ކަމަށެވެ.