ޔާމީން ވެރިކަމުގައި ހިނގި ވައްކަންތަކުގައި މުއިއްޒު ބައިވެރިވި، ހޮވިއްޖެނަމަ ޔާމީން މިނިވަނެއްވެސް ނުކުރާނެ: މާރިޔާ

l_2023_01_05_105645_an1cz8yqu3ehgrw7f4sxo5vptjkbil629md_EN_

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުއަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި ހިންގި ވައްކަންތަކުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއްކަމަށާއި، ވެރިކަމަށް ހޮވިއްޖެނަމަ ޔާމީން މިނިވަންވެސް ނުކުރާނެކަމަށް އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭ ހުންނަ ޝައިންޓްރީ ބިލްޑިންގުގައި ގާއިމްކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، މުއިއްޒުއަކީ ޗެލެންޖެއްގެ ގޮތުގައި އެމްޑީޕީއިން ނުދެކޭ ކަމަށެވެ. އެހެންނަމަވެސް، މުއިއްޒުއަކީ އާ ނަމެއްގެ ގޮތުގައި ދައްކަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަން އެގޮތަށް ނުވާނެ ކަމަށާއި، އެހެންވެ މުއިއްޒުގެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ތަކުގައި މާރިޔާ އަންނަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ މޭރުމުން މިއަދުވެސް ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ހިންގި ވައްކަމާއި ކޮރަޕްޝަނާއި، އަދި އެނޫންވެސް ރައްޔިތުންނަށް އުނދަގޫވާނެހެން ހިންގި ގިނަ ކަންތައްތަކުގައި މުއިއްޒުއަކީ ބައިވެރިއެއް ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ، 2013 އިން 2018އަށް ހިނގި ހުރިހާ ކަމެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މުއިއްޒުގެ ބައިވެރިން އެބަ އޮތޭ. އެ ވާހަަކަ މި ދައްކަނީ. ކޮންމެހެން މުއިއްޒު އެއީ އަޅުގަނޑުމެންނަށް ޗެލެންޖަކަށް ވެގެން ދައްކާ ވާހަކައެއް ނޫން" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުުވިއެވެ.

މީގެއިތުރުން، މާރިޔާ ވިދާޅުވީ މުއިއްޒު އިންތިހާބުވެއްޖެނަމަ ޔާމީން ޖަލުންވެސް މިނިވަން ނުކުރައްވާނެ ކަމަށެވެ. އެކަން ކުރެވޭނޭ ގާނޫނީ ހަމައެއް ނެތް ކަމަށް ވިދާޅުވެ މާރިޔާ ވަނީ މުއިއްޒު އަށް ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ. "ހަމަ ތެދަށް، އަޅުގަނޑުމެންނަށް ޔަގީނަށް ދަންނަވަން އެނގޭ، މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ ޔާމީން ޖަލުން ނުނެރުއްވާނެ، ނެރެވޭނެ ގާނޫނީ ހަމައެއް ވެސް ނޯވޭ" މާރިޔާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ މި އިންތިހާބަށް ފަހު ޕީޕީއެމް ރާއްޖޭގެ ސިޔާސީ މައިދާނުން ފޮހެވިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ. ވޯޓު ކަރުދާސްކޮޅުގައި ޕީޕީއެމްގެ ކުލަވެސް ނެތްކަމަށާއި، އިންތިހާބު ނިމޭއިރު ރާއްޖެއިން ފޮހެވިގެންދާނެ ކަމަށެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ މުއިއްޒުއަށް ރައީސް ޔާމީންގެ ތާއީދުވެސް ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި އެމަނިކުފާނު އެދިވަޑައިގަތީ އިންތިހާބު ބޮއިކަޓް ކުރަން ކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މުއިއްޒު އިންތިހާބަށް ކުރިމަތިލަނީ ޕީޕީއެމްގެ ސިސްޓަރ ޕާޓީ "ޕީއެންސީ" ގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ޕީއެންސީއަކީ ޕީޕީއެމްއައި އަޅާބަލާއިރު މީހުން ވަރަށް މަދު ޕާޓީއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *