ރައީސްގެ ވައުދު ބ.ފުޅަދޫއަށް: ކައިރީގައި ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި، ފްލޯޓިން ޖެޓީއެއް އަޅައިދޭނަން

IMG_3455

ކުރިޔަށް އޮތް ދައުރުގައި ބ.ފުޅަދޫ ކައިރީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލައި، ފްލޯޓިން ޖެޓީއެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފުޅަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ބ.އަތޮޅަކީ ފަތުރުވެރިކަމަށް އެންމެ ފައްކާ އެއް ސަރަހައްދު ކަމަށާއި، ކުރިޔަށް އޮތް ދައުރުގައި ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ޕްރައިވެޓް ސެކްޓަރ އަށް ހުޅުވާލާނެ ކަމަށެވެ. އަދި ރަށުގައި ޑިންގީ އާއި ކުދި ދޯނިތަކަށް ކައިރިކުރެވޭ ފްލޯޓިން ޖެޓީއެއްވެސް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފުޅަދޫގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށް، ރަށުގައި ކޮމިއުނިޓީ ސެންޓަރަކާއި ޒުވާނުންނަށް ހާއްސަ އިންޑޯ ވޮލީ ކޯޓެއް އަޅައި ދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒެއްގެ އިތުރުން ސަރުކާރު މުވައްޒަފުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކެއް އަޅައިދިނުމަށްވެސް ރައީސް ވަނީ ވައުދުވެފައެވެ.

ރާއްޖޭގެ ރަށްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އުފާވެރި އަމާންރާއްޖެއަށް އެޅި ބިންގަލާއެކު ފުޅަދޫއަށް އަންނަ ބަދަލުން ކުރިޔަށް އޮތް ދެ ތިން އަހަރު ތެރޭގައި ރަށުގެ އިގްތިސާދު އެތައް ގުނައަކުން މަތިވެގެންދާނެ ކަމަށާއި، އޭގެ ހެޔޮ ފައިދާ ރައްޔިތުންނަށްވެސް ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *