އަންނަ ދައުރުގައި ބ. ގޮއިދޫ ކައިރިން ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލައި، ބަނދަރު ބޮޑުކޮށް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ގޮއިދޫއަކީ އަބަދުވެސް އިސްލާހީ މަސައްކަތުގައި ސާބިތުވެ އޮތް ރަށެއް ކަމަށެވެ. 2018 ވަނަ އަހަރާއި ހިސާބަށް އައި އިރު، ރާއްޖޭގެ ހާލަތު އޮތް ގޮތް ގޮއިދޫގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، އޭރު އޮތީ ބިރުވެރިކަމާއި އެކަހެރި ކުރުމުގެ ސަގާފަތެއް ކަމަށެވެ.
އެ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި ދިޔުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫންކަމަށާއި، ބ. އަތޮޅަށް މި ފަސް އަހަރު ތެރޭގައި ގެނެވުނު ބަދަލު އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ތަރައްގީ ގެނެވުނީ ސިޔާސީ ހަލަބޮލިކަމުން ސަލާމަތްވެ، އަމާންކަން ގާއިމްކޮށްދީގެންނެވެ. އެއްވެސް، ނޫސްވެރިއަކަށް، ސިޔާސީ މީހަކަށް ދައުވާ ނުކުރާ ކަމަށާއި، މިހާރު ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާހަކައެއް ދެއްކުމުގެ މިނިވަންކަން މިހާރު އެބައޮތް ކަމަށެވެ.
އަންނަ ދައުރުގައި ގޮއިދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންޓުގެ މައްސަލައަކީ މިހާރު އެ ރަށަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި، ލަސްތަކެއް ނުވެ އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި، އަންނަ ދައުރުގައި ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ހަދައި، ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސް އަކާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ރިސޯޓެއްވެސް ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މި ކަންތައްތަކުގެ އިތުރަށްވެސް ގިނަ ކަންތައްތަކެއް ކައުންސިލާއި ވާހަކަ ދައްކައިގެން ކުރައްވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒުއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ދުނިޔޭގެ އިގްތިސާދު އެންމެ ރަނގަޅަށް އޮތްއިރުވެސް މުއިއްޒު ޕްލޭނިންގ މިނިސްޓަރު ކަމުގައި ހުންނަވައިގެން އެއްވެސް ކަމެއް އަތޮޅުތަކުގެ ތަރައްގީއަށް ކޮށްދީފައިނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.