މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

315758_4314e968-d_

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު، ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު މެންދުރުކުރީގައި ވަނީ، ބ. މާޅޮހަށާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުންފާހަގަކޮށްދެއްވި ބ. މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ.

ބ. ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ. ދޮންފަނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 536 މީޓަރުގެ ރިވެޓްމެންޓްވަނީ ޖަހާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުފުންކޮށް އެއްގަމުތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާ ބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *