ރައީސްގެ ވައުދު ބ.މާޅޮހަށް: ސިޓީ ހޮޓަލަކާއި، އައު ސިއްހީ މަރުކަޒަކާއި، ޕިކްނިކްދާނެ ރަށެއް

IMG_4258

އަންނަ ދައުރުގައި ބ. މޯޅޮހުގައި ސިޓީ ހޮޓަލަކާއި، އައު ސިއްހީ މަރުކަޒަކާއި، އައު މިސްކިތެއް އަޅައި، މަގު ހަދައި، ޕިކްނިކްދާނެ ރަށެއް އެތާ ކައިރިން ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މޯޅޮހަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކަަރަންޓު ބިލްތައް ކުޑަކުރުމަށް ހާއްސަ ކޮށްގެން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. 34.6 މެގަވޮޓްގެ ސޯލާހަކަތަ ގާއިމްކޮށްފައިވާނެކަމަށާއި، މީގެ ސަބަބުން ކަރަންޓުގެ އަގުތަކަށް ހެޔޮ ބަދަލެއް އައިސް ލުއިގޮތް ތަކެއް ލިބިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ އަދި، ކުރިއަށް އޮތްތަނުގައިވެސް އެކަން ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަންނަ ދައުރުގައި މާޅޮހަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ސިއްހީ ހިދުމަތް މިހާރަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށާއި، އަންނަ ދައުރުގައި އައު ސިއްހީ މަރުކަޒެއް އަޅައި އެތަނުން ލިބޭ ހިދުމަތްތައް އިތުރު ކުރައްވާނެ ކަމަށެވެ. އަދި، ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލު އިތުރުކޮށްދީ، އައު ބޮޑު މިސްކިތެއްވެސް އަޅުއްވާނެ ކަމަށެވެ.

މީގެއިތުރުންވެސް، އެ ރަށުގައި ޒުވާނުންނަށް ބޭނުންވާ ފުޓްސެލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއްވެސް އަޅުއްވާނެ ކަމަށެވެ. އަދި، މަގުތަކުގައި ފެންބޮޑުވުން ހައްލުކޮށް، ޒަމާނީ ފެންވަރަށް ހަދައި، ބަޔޮސްފިޔަ ރިޒާވަށް އަންނަ ފަރާތްތަކަށް ސިޓީ ހޮޓަލެއް އަޅައި، އެ ރަށު ކައިރިން ޕިކްނިކް ދާނެ ރަށެއްވެސް ކަނޑައަޅުއްވާނެ ކަމަށެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ، ވައުދުމިވަނީ ކަންކަން ކުރުމަށް ޕްލޭން ކުރެވިގެން ކަމަށާއި، އިންތިހާބަށް ފަހު މާ ލަސްތަކެއް ނުވެ މި ހުރިހާ މަސައްކަތްވެސް ފެށޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *