ހިމާޔަތްކުރާ ތަންތަނުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް ހަދައިދޭނަން: ރައީސް

IMG_4508

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިމާޔަތްކޮށްފައިވާ ތަންތަނުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މޯޅޮހަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ބ. އަތޮޅުގެ ބަޔޮސްފިޔާ ރިޒާވް ހިމާޔަތް ކޮށްފައި އޮންނަތާ 10 އަހަރު ވެފައިވާ ކަމަށާއި، އިތުރު 10 އަހަރަށް އެތަން ހިމާޔަތްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކޮށް އެއިން ލިބޭ އާމްދަނީ ކައުންސިލުތަކަށް ލިބޭނެ ގޮތަށް ހަދަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން އެކަނި މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާއިރު އަމާޒަކީ އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ ރަށު ކައުންސިލުތަކަށާއި ރަށްރަށަށް ލިބޭނެ ގޮތަށް ހޯދުން ކަމަށެވެ.

"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ހިމާޔަތްކުރެވޭ ތަންނުން ފައިދާ ލިބޭ ނިޒާމަކަށް ބަދަލުކޮށް، މި ފައިދާ އެ އަތޮޅަކަށާއި މުޅި ރާއްޖެއަށް އެންމެ ރަނގަޅު ފައިދާ ލިބޭނެހެން މެނޭޖްމެންޓެއްގެ ދަށަށް ބަދަލުކޮށް އޭގެ ފައިދާ މުޅި ރާއްޖެއަށް ލިބޭ ގޮތަށް ހަދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި މާޅޮހަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއްވެސް ހިއްސާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *