ނަޝީދު ހުރީ ވިޔަފާރިވެރިން ދެކެ ބިރުން ޓެކްސް ނުނަގަން، އެކަން ކުރަން ލަފާ ދިނީ އަޅުގަނޑު: ރައީސް

IMG_2387

ދައުލަތުގެ އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ޓަކައި ރާއްޖޭގައި ޓެކްސް ނިޒާމު ތައާރަފްކުރައްވަން އުޅުއްުވުމުން އެކަމާއި ވިޔަފާރިވެރިން ނުރުހިދާނެތީ އޭރުގެ ރައީސް ނަޝީދު ހުންނެވީ ބިރުން ކަމަށާއި، ޓެކްސް ނިޒާމެއް ތައާރަފް ކުރައްވަން ލަފާދެއްވީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ޓެކްސް ނިޒާމެއް ތައާރަފްކުރައްވަން ނަޝީދު ބިރުން އެވާހަކަ ރައީސް އަރިހުގައި ދެންނެވި ކަމަށާއި، އިމްޕޯޓު ޑިއުޓީއަށް އެކަނި ބަރޯސާވެގެން ގައުމުގެ އިގްތިސާދު ކުރި ނާރާނެ ކަން ނަޝީދަށް ވިސްނައިދިނީ އެމަނިކުފާނު ކަމަށެވެ.

"މިއީ ވަރަށް ޕާސަނަލް ވާހަކައެއް. އެއީ ޓެކްސް ނަގަން ފަށަން އަޅުގަނޑުމެން އުޅުނު އިރު. (ނަޝީދު) ވިދާޅުވީ އިބޫއޭ ތިމަންނަ ދެެކެ ވިޔަފާރިވެރިން ރުޅި އަންނާނެޔޭ ތިކަން ކޮށްފިއްޔާ. އަޅުގަނޑު ބުނީ ނޫނެކޭ. މީއޭ އެކަން ކުރަންވީ ވަގުތަކީ. އެއްގޮތަކަށްވެސް ސަރުކާރެއް ނުހިންގޭނެޔޭ ސަރުކާރަށް އާމްދަނީ ނުލިބި. ޓެކްސް ނަގަން ފައްޓަންށޭ ޖެހޭނީ" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ސަރުކާރުގައި އެވަގުތު އިސްކޮށްތިއްބެވި ގިނަ ފަރާތްތަކެއްވެސް ޓެކްސް ނެގުމާއި ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށެވެ. އޭރުވެސް އެކަންކަން ހައްލުކުރުމަށް އެމަނިކުފާނު އަބަދުވެސް މަޝްވަރާ ދެއްވާ ކަމަށާއި، މިހާރުވެސް އެމަނިކުފާނު އިސްކުރާ ސިޔާސަތަކީ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށެވެ.

މި ސަރުކާރުގައި ތައާރަފްކުރި މިނިމަމް ވޭޖް ތައާރަފްކުރުމުގައިވެސް، ގިނަ ބަޔަކާއި މަޝްވަރާކުރަންޖެހުނު ކަމަށާއި، މިހާރުގެ ސިޔާސަތު އެއޮތީ ވަޒީފާ ދޭ މީހާވެސް އަދި ވަޒީފާ އަދާކުރާ މީހާއަށްވެސް ހިތްހަމަޖެހޭނެ ގޮތަށް ކަމަށެވެ. ކުރިން ދުވަހަކުވެސް ނުވެ އޮތްކަމެއް މިހާރު ނިންމާފައިވާ ކަމަށާއި، އެކަން ކުރީ ޓީމް އާއި، ބޮޑެތި ވިޔަފާރިތަކުން ފެށިގެން ކުދި ކަންމަތީ ވިޔަފާރިތަކާއިވެސް ވާހަކަ ދައްކައިގެން ކަމަށެވެ. ސަރވިސް ޗާޖްވެސް ކަނޑައެޅީ މަޝްވަރާ ކޮށްގެން ކަމަށާއި އެމަނިކުފާނުގެ އަބަދުވެސް ސިޔާސަތަކީ މަޝްވަރާ ކޮށްގެން ކަންކަން ނިންމުން ކަމަށެވެ.

ޖީއެސްޓީ ދިވެހިރާއްޖެއަށް ތައާރަފްކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން 2010 ވަނަ އަހަރުއެވެ. އެއީ، މިހާރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބޭ ޓޭކުހެވެ.

Leave a Reply

Your email address will not be published. Required fields are marked *