ރައީސްގެ ވައުދު ފައިނަށް: ރިންގް ރޯޑެއް ހަދައި، ދޯނި އެހެލާނެ ތަނަކާއި، ފުޓްބޯޅަ ދަނޑެއް

IMG_3633

އަންނަ ދައުރުގައި ރ. ފައިނުގައ ރިންގް ރޯޑެއް ހަދައި، ދޯނި އެހެލާނެ ތަނަކާއި، ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓެކާއި މޫދަށް އެރޭނެ ޓްރެކެއް އަޅައި، ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފައިނަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ނިކުތީ ޖަޒީރާ ރާއްޖޭގެ ތަސައްވަރަކާއެކު ކަމަށެވެ. އެއީ، ފައިނު ފަދަ ކުދި ރަށްރަށް ހިމެނޭހެން، މީހުން އާބާދުވެފައިވާ ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ.

5 އަހަރު ފަހުން އެ ވާހަކަތައް ދައްކާއިރު، މިއަދު ހިތްހަމަޖެހުން ލިބެނީ ރަށްރަށުގައި އާއިލާއާއެކު ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދެވިފައިވާތީ ކަމަށެވެ. ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭވަރު ރަށްރަށަށް ކުދި ރަށްތައް ބަދަލުކުރެވުނީ އަދި ކިރިޔާ ކަމަށެވެ. އަންނަ ދައުރުގައި، ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ ރަށްތަކުން ކުރިއަރުވަން ބޭނުންވާ އިގްތިސާދީ މަސައްކަތްތައް ކުރުމަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ހަމަޖައްސަވާނެ ކަމަށާއި، ވަސީލަތްތައް ތަނަވަސްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލަދޭނެ ކަމަށެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވުނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރުމުގެ ބަދަލުގައި، އެންމެނަށްވެސް ބަސް ބުނުމުގެ ހައްގު ހުޅުވައިދީގެން ކަމަށެވެ. ހިޔާލު ތަފާތުވާ ފަރާތްތަކަށް އެ ހިޔާލުތައް ފާޅުކުުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، އަބަދުވެސް ސަރުކާރު އަމާޒު ހުރީ ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ.

އަންނަ ދައުރުގައި ފައިނަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކައުންސިލުން އެދިލައްވާފައިވާ ގޮތަށް، ރަށުގެ ލޭންޑްސްކޭޕް ޕްލޭން ހަދައި ރަށް ވަށައިގެން ޒަމާނީ ފެންވަރުގެ ރިންގް ރޯޑެއް ހައްދަވައިދެއްވާނެ ކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރިއަށްދާއިރު ދޯނެ އެހެލާނެ ތަނެއް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަންނަ ދައުރުގައި އެ ރަށުގައި ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓެއްވެސް އަޅައި، މޫދަށް އެރޭނެ ޓްރެކެއްވެސް އަޅުއްވައިދެއްވާނެ ކަމަށެވެ.

ރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އިތުރު ޖެނަރޭޓަރު ސެޓްތަކާއެކު ރިނިވުބަލް އެނާރޖީ ރަށަށް އިތުރުކުރާނެ ކަމަށެވެ. މި ނޫނަސް ކައުންސިލާއި ރައްޔިތުންނާއި ވާހަކަދައްކައިގެން ކޮންމެހެން ރައްޔިތުން ބޭނުން އެހެން ކަންކަންވެސް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *