ރައީސްގެ ވައުދު ރަސްމާދޫއަށް: ހައުސިން މަޝްރޫއެއް ހިންގައި، ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދޭނަން

IMG_5746

އަންނަ ދައުރުގައި ރ. ރަސްމާދޫގައި ރޯހައުސް ނުވަތަ ފްލެޓް އަޅައި، ބޮޑެތި މަގުތައް ހަދައި، މަލްޓި ޕާޕަސް ހޯލަކާއި، ކައުންސިލް އައު އިމާރާތެއް އަޅައި، ފުޓްބޯޅަ ދަނޑުގައި ޓާރފްއަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ރަސްމާދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ކެމްޕޭނަށް އެ ރަށަށް ވަޑައިގެންނެވުމުން އޭރުވެސް ރަށުގެ ރައްޔިތުންގެ އިހުސާސްތައް އެމަނިކުފާނަށް ކުރެވުނު ކަމަށެވެ. ބަނދަރާއި، ރަށްގިރުމުގެ މައްސަލައިން ފެށިގެންގޮސް ކަރަންޓުގެ މައްސަލަވެސް ހައްލުނުކޮށް އޮތުމުން ރަސްމާދޫ ރައްޔިތުންނަށް އެތަށް ތަކުލީފުތަކެއް ޖެހުނު ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ރަށު ރަށް ގިރުމުގެ މައްސަލައަކީވެސް ސަރުކާރަށް ވަޑައިގެން އެންމެ ފުރަތަމަ ހައްލު ކުރި އެއްކަން ކަމަށާއި، ރަސްމާދޫއަށް ވި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް މިހާރު ނިންމިފައިވާ ކަމަށެވެ. ރަސްމާދޫ ރައްޔިތުންނަކީ އަބަދުވެސް އޭރު އޮތް ސަރުކާރާއެކު އޮންނަ ބައެއް ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން ގެނައި ތަރައްގީ އެ ރަށު ރައްޔިތުންނަށް ފެނި، މިހާރު ވިސްނުން ހުރީ އެމްޑީޕީއާއެކު ކުރިއަށް ދިޔުމަށް ކަމަށެވެ. އަބަދުވެސް ރަށްތަކަށް ތަރައްގީ ގެންނަނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ ދައުރުގައި ރަސްމާދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ހައްލުކުރުމަށް ހައުސިންގ ޔުނިޓު ނުވަތަ ރޯހައުސް އަޅައިދީ، ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅައި، ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލެއް އަޅައި، ކައުންސިލް އައު އޮފީސް އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށެވެ. މީގެއިތުރުންވެސް، ޒުވާނުން ބޭނުންވާ ގޮތަށް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައި، އައުޓްޑޯ ޖިމެއްވެސް އަޅުއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، އިންތިހާބުގައި އޮތީ މުހިންމު ނިންމުމެއް ނިންމުން ކަމަށެވެ. އެއީ، ކުރިން އޮތް ބިރުވެރިކަމަށް އެނބުރި ދިޔުންތޯ ނުވަތަ އަންނަމުންދާ ތަރައްގީއާއެކު ކުރިއަށް ދިޔުންތޯ ނިންމަވާނީ ރައްޔިތުން ކަމަށާއި، ރަސްމާދޫ ރައްޔިތުން ތިބީ ތަރައްގީއާއެކު ކުރިއަށް ދިޔުމަށްކަން ޔަގީން ވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *