އިދިކޮޅުން ހާރިޖީ ސިޔާސަތުގައި ރައްޔިތުންނަށް އޮޅުވާލަނީ: ރައީސް ސޯލިހު

IMG_8291

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ގައުމިއްޔަތޭ ކިޔައިގެން ހާރިޖީ ސިޔާސަތުގައި ރައްޔިތުންނަށް އޮޅުވާލަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އިނގުރައިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވަނީ އިދިކޮޅުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ގައުމަކާއި ގާތް ގުޅުމެއް ބޭއްވުން ކަމަށާއި، ކުރީ ސަރުކާރާއި ހިލާފަށް އެކަހެރިވެގެން ދުނިޔޭގައި އުޅުމަށް ނުވިސްނަވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި އެކަހެރިވެގެން އެއްވެސް ގައުމަކަށް ކުރިއެރުމެއްވެސް ނުލިބޭނެ ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމާއި، އަދި ތަރައްގީވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށްޓަކައި ބޭރު ގައުމުތަކާއި އިތުބާރުހިފޭ ގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ.

"ކުރީ ސަރުކާރުގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށް. ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އެކަން ވިސްނައިދީ، މުޅިން އެކަހެރިވެ ވަކި ވެގެން ކުރިއަށް ގެންދިޔުމުގެ ސިޔާސަތެއް އެ ބޭފުޅުން ގެންދެވީ" ރައީސް ވިދާޅުވިއެވެ. އެ ބޭފުޅުން އެކަން ކުރައްވަމުން ގެންދެވީ އެ ބޭފުޅުންގެ އާރާއި ބާރު ހިފެހެއްޓުމަށް ކަމަށާއި، ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ކަމަށެވެ. އަވަށްޓެރިންނާއި، އެހެން ގައުމްތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއިވެސް ގުޅުން ބާއްވަން ޖެހޭ ކަމަށެވެ.

ބައެއް ކެނޑިޑޭޓުން ރަށްރަށަށް ދަތުރުކޮށް، ބޭރު ގައުމުތަކުގެ ސިފައިންތިބި ކަމަށް ދައްކާ ވާހަކަވެސް އެއީ އޮޅުވާލުން ކަމަށާއި، އެކަހަލަ މަންޒަރެއް ރައްޔިތުންނަށް ނުފެންނާނެ ކަމަށެވެ. "ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބައެއް އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރުކަމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަމިއްލައަށް. އޭގެ މައްޗަކަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ހާސިލްކުރި ހާރިޖީ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 185 ގައުމާއެކު ގުޅުން ބަދަހިކޮށްފައިވާ ކަމަށާއި، ވިސާ ނެގުމަކާއި ނުލައި 89 ގައުމަށް ދަތުރުކުރެވޭ ކަމަށެވެ. މި ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެންވެސް ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ގިނަ ގައުމުތަކާއި ގުޅުން ބޭއްވުމަށް ކަމަށެވެ.

މި ދައުރުގައި އ.ދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުވެސް ރާއްޖެއިން ބަލަހައްޓާފައިވާ ކަމަށާއި، ދުނިޔޭގެ ގައުމްތަކުގެ އިތުބާރު ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް ކުދި ގައުމްތަކުގެ އެންމެ އިސް ލީޑަރުގެ ގޮތުން ބަސްބުނުމުގެ ހައްގުވެސް ލިބިފައިވާ ކަމަށެވެ. އަދި، އިސްލާމީ ގައުމްތަކާއިއެކު އޮތް ގުޅުންވެސް ކުރިއަށްވުރެ ހަރުދަނާ ކުރެވިއްޖެކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ކުރީ ސަރުކާރުން ގަތަރާއި ގުޅުން ކަނޑާލި ގޮތަށްވެސް ފާޑުވިދާޅުވެފައެވެ، "ކުއްލިއަކަށް، އެއްވެސް ބަޔަކާއި މަޝްވަރާކުރުމެއްނެތި އިއުލާން ކުރެއްވީ ގަތަރާއެކު ގުޅުން ކަނޑާލި ވާހަކަ".

ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ބޮޑެތި ގައުމްތަކާއެކު ރާއްޖެއޮތް ގުޅުން ދުނިޔޭގެ ފައިނޭންޝިއަލް ގިނަ އިންސްޓިޓިއުޝަން ތަކުންވެސް ބަލާ ކަމަށާއި، ރާއްޖޭގެ އެތެރޭގައި ސިޔާސީ ގޮތުން އެ ބޭފުޅުން ހިތްހަމަނުޖެހޭ ކަމެއް ނެތް ކަމަށެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމެއްގެ އެމްބަސީތައް ރާއްޖޭގައި ހުޅުވެމުންދާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *