ރައީސްގެ ވައުދު ހުޅުދުއްފާރަށް: ރޯހައުސް ނުވަތަ ފްލެޓް އަޅައި، ކޮމިއުނިޓީ ސެންޓަރެއް

F4RsXksbMAAwfzM

އަންނަ ދައުރުގައި ރ. ހުޅުދުއްފާރުގައި އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ހުޅުދުއްފާރަށްވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގައި ވި ބައިބައިވުން އެއްކިބާކޮށް އެމްޑީޕީއަށް ހުރިހާ ބޭފުޅުންވެސް ވޯޓުލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ވަރަށް ސާފުވާ ކަމަށާއި، ވަކިވެގެން ނިކުތް ބޭފުޅުންނަށް ތިންވަނަވެސް ލިބޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. ނަޝީދަށް ބަހުގެ ހަމަލާތަކެއް ފޮނުވާލަމުން ރައީސް ވިދާޅުވީ، ކުރިއަށް މިދަނީ އޭ ޑިވިޝަން މެޗެއް ކަމަށާއި "ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ" ކަމަށެވެ. މި އިންތިހާބު އެއްބުރުން ބޮޑު ތަފާތަކުން ކާމިޔާބުވާނެކަން ޔަގީންކަމަށެވެ.

އަންނަ ދައުރުގައި ހުޅުދުއްފާރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަަމަށް އަލިއްޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމަށް ހައްލެއް ކަމަށާއި، ރޯހައުސް ނުވަތަ ފްލެޓް އަންނަ ދައުރުގައި އަޅުއްވާނެ ކަމަށެވެ. އަދި، އެ ރަށުގައި ކޮމިއުނިޓީ ސެންޓަރެއް އަޅައި، ސްކޫލް އޮފީހާއި ކްލާސްރޫމްގެ އިތުރުން، މަގު ހެދުމުގެ މަޝްރޫގެ ދެވަނަ ފޭސްގެ ދަށުން އިތުރު މަގުތައް ހައްދަވާނެ ކަމަށެވެ. އެ ރަށު ބަނދަރަށްވެސް އަޕްގްރޭޑިން ބޭނުންވާ ކަމަށާއި، މަޑު ޖެހިފައިހުރި ސިއްހީ މަރުކަޒާއި ފެނަކަ އޮފީހުގެ މަސައްކަތްވެސް އަވަހަށް ނިންމާލައްވާނެ ކަމަށެވެ.

ރައީސް ވަނީ އެ ރަށު ކައުންސިލާއި ވާހަކަދައްކައިގެން އިތުރު ކަންކަންވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ. ކެމްޕޭނަށް ރ. އަތޮޅުގެ ނުވަ ރަށަށް މިހާރު ދެވިފައިވާކަމަށާއި، ބޮޑުތަނުން އިންތިހާބު ކާމިޔާބުކުވާ މަންޒަރު ފެންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *