ރައީސްގެ ވައުދު މުންޑޫއަށް: ބަނދަރު ހަދައި، ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް

F4q_5c5aIAAhdWD

އަންނަ ދައުރުގައި ލ. މުންޑޫގައި ބަނދަރު ހަދައި، ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓަށްއަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މުންޑޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ޖަޒީރާ ރާއްޖެ މެނިފެސްޓޯއަކާއެކު ނިކުތީ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، މުންޑޫގައިވެސް ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހުރިހާ ސިޔާސީ ލީޑަރުންވެސް މިނިވަން ދައުލަތެއްގެ ވާހަކަ އެބަ ދައްކާކަމަށާއި، އެހެންނަމަވެސް މިނިވަން ދައުލަތެއް ބޭއްވޭނީ މިނިވަން ރައްޔިތެއްވެސް ތިބެގެން ކަމަށެވެ. އެކަން ކުރެވޭނީ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދީގެން ކަމަށާއި، ރައްޔިތުންގެ ތެރޭގައި ތަފާތުކުރުން ގެންގުޅުން ހުއްޓާލައިގެން ކަމަށެވެ. ހުރިހާ ރަށަކަށް ހަމަހަމަ ސިޔާސަތެއް ގެންގުޅެންވިއްޖެކަން ފާހަގަކުރައްވަމުން މިސާލެއްގެ ގޮތުން ރައީސް ދެއްކެވީ މުންޑޫއަށް ފާއިތުވި ފަސް އަހަރު އައި ތަރައްގީއެވެ.

އަންނަ ދައުރުގައި މުންޑޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބަނދަރު ފުންކޮށް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށާއި، ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅާނެ ކަމަށެވެ. އަދި، މުންޑޫގެ ރައްޔިތުންނާއި ވާހަކަ ދައްކައިގެން އިތުރަށް ބޭނުންވާ ކަންކަންވެސް ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ހިދުމަތްކޮށްދިނީ އެމްޑީޕީގެ މި ސަރުކާރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅުނެ އަދިވެސް ވިދާޅުވަނީ ތަފާތުކުރުން ގެންގުޅޭނޭ ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައިވެސް އެމްޑީޕީއަށް ވޯޓު ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *