ރައީސްގެ ވައުދު މާބައިދޫއަށް: ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ޔޫތު ސެންޓަރެއް

F4rPFqsbQAAVGS0

އަންނަ ދައުރުގައި ލ. މާބައިދޫގައި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ބޮޑެތި މަގު ހަދައި، މޫދަށް އެރޭނެ ސަރަހައްދަކާއި ޔޫތު ސެންޓަރެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މާބައިދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، އިސްލާހީ މަސައްކަތް ފެށިގެން އައިއިރު، މާބައިދޫ އޮތީ އޭރުގެ ރައީސް މައުމޫންއާއެކު ކަމަށެވެ. އެހެންނަމަވެސް، އިސްލާހީ މަސައްކަތް ކުރިއަށްދިޔަ ވަރަކަށް، މާބައިދޫގެ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، މިފަހަރަކީ މާބައިދޫ މެޖޯރިޓީ ލިބޭނެ ފަހަރުކަމަށެވެ.

މި ޖަލްސާގައި ރައީސް ވަނީ ވޯޓު އެޅުމަށްވެސް ބާރުއަޅާފައެވެ. ގައުމަކާއި މެދު ގޮތް ނިންމަން ލިބޭނެ އެންމެ ބޮޑު ފުރުސަތަކީ ވޯޓު ކަމަށާއި، އަބަދުވެސް ވޯޓު އަޅަންވާނީ ގައުމަށާއި ރައްޔިތުންނަށް ފައިދާވާގޮތަށް ކަމަށެވެ. އެއްވެސް ރައްޔިތަކު އެ މީހަކު ދިރިއުޅޭ ރަށަށް ބަލާފައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، ހަމަހަމަ ކަމާއެކު ފުރުސަތުތައް ފޯރުކޮށްދީނީ އެމްޑީޕީއިން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ ދައުރުގައި މާބައިދޫގެ ތަރައްގީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ސިއްހީ މަރުކަޒުން 24 ގަޑިއިރަށް ބަދަލުކޮށް އެތަނުން އިތުރަށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި، ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައި، ސްކޫލަށް މަލްޓިޕާޕަސް ހޯލާއި، އަދި އިތުރަށް ބޭނުންވާ ވަސީލަތްތައްވެސް ގާއިމްކޮށް، މޫދަށް އެރޭނެ ސަރަހައްދެއްވެސް ހައްދަވައިދެއްވާނެ ކަމަށެވެ. ޒުވާނުންނަށް އިންޑޯ ޖިމްއަކާއި ޔޫތު ސެންޓަރެއްވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސްޕޯޓްސް ފެސިލިޓީޒް ގާއިމްކޮށްދެނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ޓެލެންޓްތައް ކުރިއަރުވަން ކަމަށާއި، އުންމީދަކީ ބޭރުގެ މުބާރާތްތަކުގައި ވާދަކުރާނޭ މޮޅެތި ކުދިން އުފެއްދުން ކަމަށެވެ. އެ ކުދިން ބޭނުންވަނީ ވަސީލަތްތައް ކަމަށެވެ.

މީގެއިތުރުން، މާބައިދޫ ސަރަހައްދަކީ ގުދުރަތީގޮތުން ރީތި ސަރަހައްދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާރްޓީއެލް ފެރީގެ ހިދުމަތް ނިމުމާއެކު ލޯކަލް ޓޫރިޒަމް އެ ރަށުގައި ކުރިއެރުވޭނޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، ލ. އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *