ރައީސްގެ ވައުދު މާވަށަށް: ބިން އިތުރުކޮށް، ރޯހައުސް އަޅައި، ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށްދޭނަން

IMG_1488

އަންނަ ދައުރުގައި ލ. މާވަށު ސަރަހައްދުގައި އެއާޕޯޓެއް އަޅައި، ބިން އިތުރުކޮށް، ރޯހައުސް އަޅައި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އިންތިހާބަށް ކުރިމަތިލިއިރު ރާއްޖެ އޮތީ ވަރަށް ދެރަ ހާލެއްގައި ކަމަށާއި، ނިކުތީ އެ ނާމާންކަމާއި ބިރުވެރިކަން ނައްތާލުމަށް ކަމަށެވެ. އެކަން މިހާރު ހާސިލް ކުރެވިއްޖެ ކަމަށާއި، ތަރައްގީ ހާސިލް ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ސަރުކާރު ނުގެންދިޔައިމަ ކަމަށެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ސިޔާސީ ފިކުރު މިހާރު ހާމަކުރެވެއެވެ. ނަތީޖާ އަކީ ނިމިގެން މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ އެންމެ އަމާން ފަސް އަހަރެވެ. ވައްކަމާއި ފޭރުމުގެ ކުށްތައް މަދުވެފައިވާ ކަމަށާއި، އެ ނޫންވެސް ކުށްތައް މަދުކުރެވުނީ ސަރުކާރުގެ އިސް ފަރާތްތަކުން ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ނޫޅެ ތަރައްގީއަށް ފޯކަސް ކުރީމައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި މާވަށަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލ. އަތޮޅު ދެކުނުގައި އަޅާ އެއާޕޯޓް އެ ސަރަހައްދުގައި އަޅައި، 25 ޓަނުގެ އައިސް ޕްލާންޓްގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށެވެ. އަދި، ޒުވާނުންގެ އެދުމުގެ މަތިން ފުޓްބޯޅަ ދަނޑުގެ ޓާރފް ބަދަލުކޮށް، އައު ވޮލީ ކޯޓެއް އަޅައި، ބޯހިޔާވަހިކަން ހައްލުކުރުމަށް ރޯ ހައުސް އަޅައިދީ، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށެވެ. މީގެއިތުރުންވެސް، ބިން ހިއްކިމުގެ މަޝްރޫއުއަށް ބިން އިތުރުކޮށް، ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ.

ރައީސް ވަނީ ރަށުގެ ރައްޔިތުންނާއި މަޝްވަރާކޮށްގެން އަދިވެސް މަޝްރޫއުތައް އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ، އަންނަމުންދާ ތަރައްގީއާއެކު ކުރިއަށް ވަޑައިގެންނެވުމަށް މާވަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *