ރައީސްގެ ވައުދު ތިނަދޫއަަށް: ބިން އިތުރުކޮށް، 500 ފްލެޓާއި، އިންޓަނޭޝަނަލް އެއާޕޯޓެއް

IMG_0131 (2)

އަންނަ ދައުރުގައި ގދ. ތިނަދޫގައި ބިން އިތުރުކޮށް، 500 ފްލެޓާއި ޓިވެޓް ކެމްޕަހެއް އަޅައި، ކާޑެއްދޫ އިންޓަނޭޝަނަލް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ތިނަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވަނީ ތިނަދޫއަށް ސިޓީގެ ދަރަޖަ އެރުވުނުކަން ރަސްމީކޮށް އިއުލާންވެސް ކޮށްފައެވެ. މިއަދު ތިނަދޫއަށް ސިޓީގެ ދަރަޖަ އެރުވުނީ އެކަމަށް އެ ރަށު ކައުންސިލުން މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގަދީމީ އެ އަތޮޅަކީ އިސްލާހީ މަސައްކަތުގައި ކުރީގައި އުޅޭ ރަށެއް ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކުރެވުނު ބޮޑު ބޯހިމެނުމުންވެސް ދެއްކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ދިރިއުޅެނީ ގދ.ތިނަދޫގައި ކަމެވެ. އަމިއްލަ މަސް ޕްރޮޑަކްޓްސް ސީދާ ތިނަދޫގައި އުފައްދައިގެން ރާއްޖެއިން ބޭރު ކުރަމުން ދިޔަ ނަމަވެސް 1950 އަށް ފަހު ސަރުކާރުން ކުރަން ފެށި ދަތިތަކާއެކު، 1962ގައި އެ ރަށް ފަޅު ކުރުމާއި ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަދައްކަވާފައެވެ. އެކަމަށް، ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން މައާފަށްވެސް އެދިވަޑައިގަތެވެ.

އަންނަ ދައުރުގައި ތިނަދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިނާއީ ބޮޑު ބަދަލެއް ގެނައުމަށްޓަކައި، ތިނަދޫގައި ކޮމާޝަލް ހާބަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ. އެއާއެކު ގިނަ ވަޒީފާ އުފެދޭނެއެވެ. މަސްވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް، އެ ރަށުގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއި، 120 ޓަނުގެ ފްރީޒިންގ ކެޕޭސިޓީ ވެސް ގާއިމްކުރަމުން އަންނަ ކަމަށާއި، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރެވޭ މިފަދަ ފެސިލިޓީތަކުން އެއް ބައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެކަމަށާއި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ނިމޭއިރު އެ ހިސާބުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އިންނާނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ. އަދި، އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަ ސަރަހައްދު ނިމޭއިރު، އިތުރަށް ބިން ހިއްކައި، ބޯހިޔާވަހިކަން ހައްލުކުރުމަށް 500 ފްލެޓް އަޅައިދޭނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެ ސިޓީގެ ފަޅު ތެރޭގައި ޕިކްނިކް އައިލެންޑެއްވެސް ހަދައި، ދުވަސްވީ މީހުން މޫދަށް އެރޭނެ ހާއްސަ ސަރަހައްދެއް ހަދައި، އެ ސިޓީގެ ހުރިހާ މަގެއްވެސް ހަދައިދިނުމަށް ރައީސް ސޯލިހު ވަނީ ވައުދުވަޑައިގެންފައެވެ.

ތިނަދޫގައި ކުރިއަށް އޮތް ދައުރުގައި ޓިވެޓް ކެމްޕަހެއްވެސް ގާއިމްކޮށް، ޑިޓޮކްސް ސެންޓަރު ފުލް ފްލެޖްޑް ރިހެބް ސެންޓަރަކަށް ބަދަލުކުރުމަށް ވަސީލަތްތައް އިތުރުކޮށް، ޓަރޝިއަރީ ހޮސްޕިޓަލް ނިމުމާއެކު ކުރީގެ ހޮސްޕިޓަލް އިމާރާތަކީ ޔުނިވާރސިޓީ ކުދިން ތަމްރީންކުރުމަށް ކެމްޕަހެއް ހުޅުވޭނެގޮތްވެސް ހަދައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *