ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް ސޯލިހު ކަނޑައަޅުއްވައިފި

IMG_9573

ގދ.ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ތިނަދޫގައި ކުރިޔަށްދާ "އުފާވެރި އަމާންރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ތިނަދޫއަށް ސިޓީގެ ދަރަޖަ މިއަދު ދެއްވާފައިވާ ކަމަށާއި، ތިނަދޫގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ރައީސްގެ ގަރާރަކުންނެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސް ކަނޑައަޅުއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސް ސޯލިހު މިއަދު އެކަށައެޅުއްވި ޤަރާރުގައި ބަޔާންކުރައްވަފައިވެއެވެ.

ތިނަދޫސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 5 އަކަށް ބަދަލުވެގެންދިޔައީއެވެ.

Leave a Reply

Your email address will not be published. Required fields are marked *