ރައީސްގެ ވައުދު އޮޅުވެލިފުއްޓަށް: ބިން އިތުރުކޮށް ހައުސިން ޔުނިޓު އަޅައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް

IMG_0673

އަންނަ ދައުރުގައި ޅ. އޮޅުވެލިފުށީގައި ބިން އިތުރުކޮށް ހައުސިންގ ޔުނިޓު އަޅައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، މަގު ހަދައި، އައު މިސްކިތެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، އެ ރަށު ރައްޔިތުންނަކީ އެމަނިކުފާނަށް ބީރައްޓެހި ބައެއް ނޫން ކަމަށާއި، މަޖިލީހުގައި 15 އަހަރު އެ ރަށް ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އޭރުވެސް ސަރުކާރުތަކުގެ ސިޔާސަތުތައް ކޮޅުފުށީ ރައްޔިތުންނަކަށް ކަމަކު ނުދާކަމަށާއި، އަސާސީ ހިދުމަތްތައްވެސް އެ ރަށަށް ނުލިބޭ ކަމަށެވެ.

މި ފަސް އަހަރު މި ސަރުކާރަށް ކުރެވުނު މަސައްކަތުން އިންގިލާބީ ބޮޑު ބަދަލެއް މިހާރު ރާއްޖެއަށް އަންނަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ގައުމެއް ތަރައްގީވާނީ ހަމަޖެހިގެން ރައްޔިތުންނަށް ދިރިއުޅެވެން ފެށީމައިކަމަށާއި، މި ސަރުކާރުން މި އެޅީ އެކަމަށް ބޭނުންވާ ބިންގާ ކަމަށެވެ. މިހާރު އެ ރަށަށް ޓޫރިޒަމްވެސް ތައާރަފްކުރެވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެ ރަށު ފަތުރުވެރިކަން ކުރިއަރާނެގޮތަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

އަންނަ ދައުރުގައި އޮޅުވެލިފުއްޓަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ބިން އިތުރުކޮށް ރޯހައުސް ނުވަތަ ފްލެޓް އަޅައި، ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ. އަދި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، އޭޓީއެމްއަކާއި ކައުންސިލް އިދާރާއަކާއި އައު މިސްކިތެއް އަޅައި، ޕިކްނިކް އައިލެންޑެއްވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ޖަލްސާގައި ރައީސް ވަނީ އިދިކޮޅުގެ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އިދިކޮޅުން އެމްޑީޕީގެ ސިޔާސަތުތައް ކޮޕީކުރާކަމަށްވެސް ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި، ރައްޔިތުންނަށް އެންމެ ފައިދާބޮޑު މެނިފެސްޓޯ ނެރެފައިވަނީ އެމްޑީޕީއިން ކަމަށާއި، އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *