ރައީސްގެ ވައުދު ނައިފަރަށް: ބިން ހިއްކައި، ހައުސިން ޔުނިޓު އަޅައި، މަގު ހަދަައިދޭނަން

IMG_1215

އަންނަ ދައުރުގައި ޅ. ނައިފަރުގައި ބިން ހިއްކައި 200 ހައުސިންގ ޔުނިޓު އަޅައި، މަގު ހަދައި، ހޮސްޕިޓަލް ފެންވަރު މަތިކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ނައިފަރަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ނައިފަރަކީ ހުރިހާ ގޮތަކުންވެސް ފާހަގަކުރެވޭ ރަށެއް ކަމަށެވެ. އެ ރަށު ސްކޫލަކީ ރާއްޖޭގައި ދެވަނައަށް އެންމެ ދުވަސްވީ ސްކޫލު ކަމަށާއި، އުތުރުގެ އެތައް ދަރިވަރުންނެއް ތައުލީމު އުނގެނުން ސްކޫލެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނައިފަރަކީ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލިއިރުވެސް އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އޭރު މާފިލާފުށި މީހުން ދިރިއުޅޭ ރަށަކަށް ބަދަލުކުރަން ނިންމި ނަމަވެސް، އޭގެ 90 އަހަރު ފަހުންވެސް އެ މައްސަލައަށް ހައްލެއް ހޯދައިދީފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ވަނީ އެ ރަށުގައި 100 ހައުސިންގ ޔުނިޓު އަޅާފައެވެ. ރައީސް ވިދާޅުވީ، އެއާއެކު ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވާ ކަމަށެވެ.

އަންނަ ދައުރުގައި ނައިފަރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ބިން ހިއްކަން ނިންމާފައިވާވަރަށްވުރެ އިތުރަށް ބިން ހިއްކައި، ފުރަތަމަ ބުރުގައި 200 ހައުސިންގ ޔުނިޓު ނުވަތަ ފްލެޓް އަޅައިދޭނެކަމަށެވެ. އަދި، ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ، އެ ރަށު ހަދަންޖެހޭ ހުރިހާ މަގެއްގައި ތާރު އަޅައި ހަދައިދޭނެކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

އެ ރަށުގެ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް، ސައިކިއާޓްރިސްޓަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ތެރަޕީ ލިބޭނެ ގޮތްވެސް ހަމަޖައްސައި، ސްކޫލަށް މަލްޓި ޕާޕަސް ހޯލަކާއި ސައިންސް ލެބެއް އަޅައިދޭނެކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ހާއްސަކޮށް އުތުރު ބަނދަރުގެ ފައިކަށި މަރާމާތުކޮށް، ބޭރުގައި ރިވެޓްމެންޓް ޖަހައި، ކުދި އުޅަނދަށް ކައިރި ކުރެވޭނެ ގޮތް ހަދައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު ނިމެންވާއިރަށް އެ ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެއާއެކު، ބާނާ ހުރިހާ މަހެއް ކިރޭނެ ކަމަށާއި، އެހެން ސަރުކާރުތަކާއި ހިލާފަށް މި ސަރުކާރުން ކެމްޕޭނަށް ހާއްސަކޮށް މަސް ގަންނަ އަގު ބޮޑު ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރާނީ ރޭވުންތެރިކަމާއެކު މަހުގެ އަގަށް ހަގީގީ ބަދަލެއް ގެނައުމަށެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، އެހެން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށާއި، ނައިފަރާއި އަޅައިބަލާއިރު ވަރަށްބޮޑު ތަފާތެއް ފެންނަ ކަމަށާއި، އެއީ ސަރުކާރު ތަކުން ގެންގުޅުނު ތަފާތު ކުރުމުގެ ނަތީޖާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ސިޔާސީ މަންފާއަށް ވިސްނައިގެން ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރާނީ އެގޮތަށް ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *