މުއިއްޒުއަކީ ހައްދުފަހަނައެޅި ކްރިމިނަލް ނެޓްވޯކެއްގެ ކެންޑިޑޭޓެއް – ފައްޔާޒް

IMG_2566 (2)

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރައްވާ ޑރ. މުއިއްޒުއަކީ ޕީއެންސީ ކެނޑިޑޭޓެއް ނޫންކަމަށާއި، އެއީ ހައްދުފަހަނައެޅި ކްރިމިނަލް ނެޓްވޯކެއްގެ ކެނޑިޑޭޓެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީއިން ބޭއްވި އުފާވެރި އަމާން ރާއްޖެ ބޮޑު ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒް ވަނީ ޑރ. މުއިއްޒުއަށް ވަރަށް ގިނަ ތުހުމަތުތައް ކުރައްވާފައެވެ. އެގޮތުން، މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ދިވެހިރާއްޖެ އަފްޣާނިސްތާނަށް ބަދަލުކޮށްލާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ދިވެހި އަންހެނުންގެ ހައްގުތައް ނަގާލާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށްވެސް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.

"ބޭނުމެއް ނޫން ޒުވާނުންނާއި އަންހެން ބޭކަލުންނާއި އަންހެން ދަރިން ގެއަށް ވައްދާ ފޮރުވާ މުޖުތަމައުން އެކަހެރިކުރަން. ގާތް އަފްޣާނިސްތާނުގައި އެ ހިންގާ ކަންކަން މި ގައުމުގައި ހިންގާކަށް ބޭނުމެއް ނޫން" ފައްޔާޒް ވިދާޅުވިއެވެ. އެއީ، އިންތިހާބާއި ގުޅިގެން ދައްކާ ވާހަކައެއް ނޫންކަމަށާއި ހަގީގަތުގައިވެސް އެ ބިރުވެރިކަން އެބައޮތް ކަމަށް ތަކުރާރުކޮށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އެ ވާހަކަތައް ނުދައްކާ މިހާރު ތިބެވެން ނެތްކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ބައެއް ބޭފުޅުން ބޭރުފުށުން އެހެން ސިފައެއް ދައްކައިގެން އުޅޭކަމަށް ތުހުމަތުކޮށް ފައްޔާޒް ވިދާޅުވީ، "ވުލްފް އިން ޝީޕްސް ކްލޯތް" އަށް ޖާގަ ދެވެން ނެތް ކަމަށެވެ. އަދި، މުއިއްޒުއަކީ އެފަދަ ބަޔަކާއި ގުޅުން އޮތް ކެނޑިޑޭޓެއް ކަމަށެވެ.

"ވާދަކުރާ ކެނޑިޑޭޓަކީ ޕީއެންސީ ކެނޑިޑޭޓެއް ނޫން. އެއީ މި ގައުމުގައި އުފެދިފައިވާ ހައްދުފަހަނާޅާފައިވާ ޕާޓީތަކާއި މި ގައުމުގައި އޮތް ކްރިމިނަލް ނެޓްވޯރކް ތަކާއި ގުޅިފައި އޮތް ކެނޑިޑޭޓެއް" ފައްޔާޒް ވިދާޅުވިއެވެ.

އެއީ ކޮން ބައެއްކަން ފައްޔާޒް ވިދާޅުނުވިނަމަވެސް، ދާދި ފަހުން އެމްޑީޕީ އިންތިހާބީ ސްޕޯކްސްޕާރސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާވެސް ވަނީ ތަކުރާރުކޮށް މުއިއްޒުއަކީ ޕީއެންސީ – ސަލަފް ކެނޑިޑޭޓް ގޮތުގައި ތުހުމަތުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *