ރައީސްގެ ވައުދު ކުމުންދޫއަށް: އައު ބަނދަރެއް ހަދައި، މަގުތަކުގައި ތާރު އަޅައިދޭނަން

IMG_3968 (2)

ކުރިޔަށް އޮތް ދައުރުގެ ތެރޭގައި ހދ.ކުމުންދޫގައި އައު ބަނދަރެއް ހަދައި، މަގު ހަދައި، ސްކޫލް އަޕްގްރޭޑްކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުމުންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުމުންދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާ ފުރުމުގައި ދަތިތައް އެބަހުރި ކަމަށާއި، ރައްޔިތުންނާ އިތުރަށް މަޝްވަރާ ކުރުމަށްފަހު މިހާރު ހުރި ބަނދަރުގެ ބަދަލުގައި އައު ބަނދަރެއް ރަށުގެ އެހެން ސަރަހައްދެއްގައި ތަރައްގީކޮށްދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރެވިގެންދާއިރު ރަށުގެ ގިރާ ސަރަހައްދުވެސް ހިމާޔަތްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު ކުރިޔަށް އޮތް ދައުރުގައި ކުމުންދޫގެ ހުރިހާ ބޮޑެތި މަގެއް ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާނެ ކަމަށާއި، އަދި ރަށުގެ ސްކޫލަށް ވަސީލަތްތައް އިތުރުކޮށް، މަލްޓި ޕާޕަސް ހޯލެއްވެސް އަޅައިދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ކުނި ނައްތާލުމަށް ކުމުންދޫގައި ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމަށް މިހާރުވެސް ވަނީ އެވޯޑް ކުރެވިފައިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ މަސައްކަތް އަންނަ ދައުރުގެ ތެރޭގައި ފަށައި ނިންމަދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *