އަންނަ ދައުރުގައި ހދ. ވައިކަރަދޫ ހިމެނޭ ސަރަހައްދަށް ކާގޯ ފެރީގެ ނިޒާމް ގާއިމްކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ގިނަ ބަޔަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެބޭފުޅުން ބޭނުންވަނީ ހައްދާ ތަކެތި ތާޒާ ކަމާއެކު ރަނގަޅު އަގު ލިބޭ ގޮތަށް ރަށުން ބޭރު ކުރުން ކަމަށާއި، އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން އަދި އެކަން އެންމެ ރަނގަޅަށް ނުހިނގާ ކަމަށެވެ.
އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި އެމްޓީސީސީ މެދުވެރިކޮށް ކާގޯ ފެރީގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މިއީ، މި ސަރުކާރުން ގެންނަން ނިންމާފައިވާ އިގްތިސާދީ ބޮޑު ބަދަލުގެ ތެރެއިން ބައެކެވެ. ރާއްޖެއަށް އިގްތިސޯދީ ބޮޑު ބަދަލެއް ގެންނަން އަމާޒު ހުރީ ފަތުރުވެރިކަމާއި, ދަނޑުވެރިކަމާއި, މަސްވެރިކަމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްގެންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެތެރެއިން ދަނޑުވެރިކަމަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ކުދި ދަނޑުވެރިންނަށް މައިކްރޯ ފައިނޭންސިންގ ސްކީމްތައް ތައާރަފްކޮށް ބިން ހޯދައިދިނުމަށް އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މަސައްކަތް ފެށުމަށް ބޭނުންވާ އިންޓްރެސްޓް ކުޑަ ލޯނުވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދަނޑުވެރިކަމުން އުފައްދާ ޕްރޮޑަކްޓްސްގެ ހަމަ އަގު ހޯދުމަށް މާކެޓް ފުޅާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.
"ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރު ކުރުމަށް އެކްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިން އެއް ގާއިމުކޮށް, ދިވެހި ދަނޑުވެރިންނާއި ދިވެހި ރިސޯޓުތަކާއި އަދި ބައިނަލްއަގްވާމީ މާރުކޭޓަށް ގުޅުވާލަދީ, އެކްސްޕޯޓް ކުރެވޭ ގޮތް ހަދައިދޭނަން" ކަމަށް ރައީސް ވިދާޅުވިއެވެ.
ހދ. ވައިކަރަދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފަޅޮލާއި ދޮންކޭލާއި ކަރައާއި އަނބުފަދަ ބައެއް މޭވާ ތަކަކީ ރަނގަޅު މިންވަރަކަށް އުފެއްދޭނަމަ އެކްސްޕޯޓުކޮށް ބޭރުގެ މާކެޓުތަކުގައި ވިއްކޭނެ ތަކެތި ކަމަށެވެ. އެކަމަށް ފަސޭހަ މާކެޓްތައް ހޯދައިދީ އެ މަސައްކަތް ކުރެވޭނެ ގޮތްތައް ރައްޔިތުންނަށް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ.