ރައީސްގެ ވައުދު ކުރިނބީއަށް: ރޯހައުސް އަޅައި، މަގު ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް

IMG_4677

އަންނަ ދައުރުގައި ހދ. ކުރިނބީގައި ރޯހައުސް އަޅައި، މަގު ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކުރިނބީއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުތީ ޖަޒީރާ ވަންތަ ރާއްޖެއެއް ތަރައްގީކުރުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ. އާބާދީ ކުޑަ ރަށްތައް އެހެން ސަރުކާރުތަކުގެ ޗާޓުތަކަށް ނާރާ ކަމަށާއި، މި ސަރުކާރުން އައީ ހަމަހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އަސާސީ ހިދުމަތްތަކުގެ އިތުރުން ތައުލީމީ ޖީލެއް ބިނާކުރުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެގޮތުން ކުރެވޭ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 7،000 ކުދިން މިހާރު ކިޔަވާ ނިމިފައިވާއިރު، މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނާނެ ބޫސްޓެކެވެ. އާރްޓީއެލްގެ ހިދުމަތްވެސް މިހާރު އެ ހިސާބުގައި ފަށާފައިވާއިރު، އޭގެ ސަބަބުންވެސް ޖަޒީރާވަންތަ ދިރިއުޅުމެއް އުޅުމަށް މިހާރު ފަސޭހަ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ ދައުރުގައި ކުރިނބީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އެކަން ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ބަނދަރު މިހާރަށްވުރެ ބޮޑު ކުރުމަށް ކުރެވެން ހުރި ކަންކަން ބައްލަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިނބީ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އިތުރު ވަސީލަތްތައް ފޯރުކޮށްދީ، ރޯހައުސް އަޅައިދީ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި، މޫދަށް އެރެވޭނެ ބީޗެއް ހަދައި، ސްކޫލަށް އޮފީސް އިމާރާތަކާއި މަލްޓި ޕާޕަސް ހޯލެއްވެސް އަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާގައި ރައީސް ވަނީ އެމްޑީޕީ ގެންނަ ތަރައްގީއާއެކު ކުރިއަށް ދިޔުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. ރައީސް ހދ. އަށް ކުރައްވަމުންދާ ދަތުރުގައި މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *