ނެއްލައިދޫގެ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

319273_299fac5f-d_

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް، ހދ.ނެއްލައިދޫ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސް ސޯލިހު ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނެއްލައިދޫއަށް ވަޑައިގެން މިއަދު މެނދުރުފަހު ވަނީ ނެއްލައިދޫ ބަނދަރު އަދި އިންޖީނުގެ ހުޅުއްވައިދެއްވައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

މިއަދު ރައީސް ސޯލިހު ހުޅުއްވައިދެއްވި ނެއްލައިދޫ ބަނދަރާއި ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 164 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 224 މީޓަރުގެ އެއްގަމުން ތޮށި ލުމާއި، 125 މީޓަރ ގްރޯއިންސް ޖެހުމާއި އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ކޮށްފައިވެއެވެ.

މީގެއިތުރުން ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 873 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި 1500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށްފައިވެއެވެ.

ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި އެރަށު އައު އިންޖީނުގެއަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ، ކުރީގެ އިންޖީނުގެއަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 240 ކިލޯވޮޓް ނަމަވެސް އައު އިންޖީނުގެއާއެކު ކަރަންޓްދެވޭ ކެޕޭސިޓީ ވަނީ 980 ކިލޯވޮޓަށް މަތިކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *