2026ގެ ދަރަނި ދެއްކޭނެ، އިދިކޮޅުން ހަދަނީ ބުހުތާނު ބޮޑު ދޮގު: ރައީސް

IMG_0425 (3)

2026 ވަނަ އަހަރު ދައުލަތުން ދައްކަށްއޮތް ބޮޑު ދަރަނި ސަރުކާރަށް ދެއްކޭނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދަރަންޏާއި ގުޅުވައި ދައްކަވަމުން ގެންދަނީ ބުހުތާނު ބޮޑު ދޮގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ހދ. ކުޅުދުއްފުށީ ސިޓީގައި އޮތް ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދަރަންޏާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންގެންދަވާ ވާހަކަތަކަށް އަނެއްކާވެސް ރައްދުދެއްވާފައެވެ. އެގޮތުނ،ް ރާއްޖެ ދަރާފައި އޮތް ކަމަށާއި ބަނގުރޫޓު ވެފައިވާކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެއީ ބުހުތާނު ބޮޑު ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް އެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް" ރައީސް ވިދާޅުވިއެވެ. 2026 ވަނަ އަހަރު ޑައިރެކްޓް ބޮރޮވިންގ ގޮތުގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އޭޑީއެފްޑީ އިން ނަގާފައިވާ ލޯނެވެ. ރައީސް ވިދާޅުވީ، އެ 100 މިލިއަން ޑޮލަރު ދެއްކުން ލަސްކުރެވޭގޮތަށް މިހާރުވެސް ނިމިފައިވާކަމަށެވެ.

ދެން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަކީ ކޮވިޑާއި ގުޅިގެން ދައުލަތުގައި ފައިސާ ނެތުމުން ކޮންމެހެން ނަގަންޖެހުނު ލޯނެކެވެ. ރައީސް ވިދާޅުވީ އޭރު ދައުލަތުގައި ރައްޔިތުންނަށް މުސާރަ ދެވޭނެ ލާރިވެސް ނެތް ކަމަށާއި، ކުރީ ސަރުކާރުން ނަގާފައި އޮތް ސަނީ ސައިޑް ބޮންޑެއް މުއްދަތު ހަމަވާކަމަށެވެ. އެ ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކަން ޖެހުނު އިރު، އެ ނުދެއްކިއްޖެނަމަ ރާއްޖެ ޑިފޯލްޓް ވާނެ ކަމަށެވެ. ބާކީ 250 މިލިއަން ޑޮލަރު ބޭނުންކުރީ އެ ވަގުތު ކޮންމެހެން ކުރަންޖެހިިފައި ހުރި ކަންކަމަށެވެ. އެގޮތުން، ކޮވިޑުން އަރައިގަތުމަށް އެހީއާއި ލޯނު ދިނުމާއި، މެޑިކަލް ކަންތައްތަކަށް ހަރަދުކުރުމެވެ.

ރައީސް ވިދާޅުވީ، 2026 ވަނަ އަހަރު ލޯނު ދައްކާނެ ގޮތެއް އެ ބޭފުޅުންނަށް ނުދެއްކޭ ކަމަށެވެ. މި ސަރުކާރުގެ ޕްލޭނަކީ އެ ލޯނުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުން ކަމަށާއި، އެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާކަމަށެވެ. "މި ސަރުކާރަށް ބޭރުގެ ފައިނޭންޝިއަލް އިންސްޓިޓިއުޝަން ތަކުން އެއް ބިލިއަން ޑޮލަރު، ދެ ބިލިއަން ޑޮލަރު ހޯދުމަކީ އުނދަގޫ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ނަގާ ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް އެބައޮތްކަމަށްވެސް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ތަފްސީލުތައް ސަރުކާރުން އާންމުކުރާތީއެވެ. ރާއްޖޭގެ އެސެޓްތައް ގިނަކަމަށާއި މިއީ މުއްސަނދި ގައުމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ސޮވެރިން ޑިވޮލަޕްމެންޓް ފަންޑުގައި 6 ބިލިއަން ރުފިޔާ މިހާރުވެސް އެބަހުރި ކަމަށާއި، 2026 އަންނަ އިރު އެ ފަންޑުގައި 350 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. މިހާރުވެސް އެ ފަންޑަށް ޖަމާކުރާ ކަމަށާއި، މި ހުރިހާ ކަމެއްވެސް އިދިކޮޅަށް އެނގޭނެ ކަމަށާއި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި 2018 ގައި އިގްތިސާދުގެ ވެލިއުއަކީ 81 ބިލިއަން ރުފިޔާއެވެ. މި އަދަދު 2028 އަންނަ އިރު 177 ބިލިއަން ރުފިޔާއަށް އެ އަދަދު އަރައިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކީ ދައުލަތުގެ އާމްދަނީވެސް އެއާއެކު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އާމްދަނީ ގޮތުގައި 2018 ވަނަ އަހަރު 22 ބިލިއަން ރުފިޔާ ލިބުނުނަމަވެސް، މި އަހަރު އެކަނިވެސް 34 ބިލިއަން ރުފިޔާ ރެވެނިއު ގޮތުގައި ލިބޭނެ ކަމަށާއި، 2026 އަންނަ އިރު ދައުލަތުގެ ރެވެނިއު 45 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *