2018 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ޖަހާފައިވާ ސްޓިކާތަކުގެ ތެރެއިން، ދައުލަތަށް ނުލިބި ހުރި ފައިސާ މާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގައި ގަވާއިދުން ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުންދާތީ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެއީ ރައީސްއަށް ވެސް ގަބޫލު ކުރެވޭ ޝަކުވާއެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް މާލީ ގޮތުން ބޮޑު ބަދަލުތަކެއް އަންނަމުންދާއިރު، ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދާ މައްސަލައަށް މީގެ ސަބަބުން ހައްލެއް ލިބޭނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ޕާކިން ޖޫރިމަނާގެ އިތުރުން އެހެނިހެން ޓްރެފިކް ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވެސް ނިންމައި އެކަން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން، ޖޫރިމަނާގެ ބާވަތައް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާ މައާފްކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން، ލައިސެންސް ނެތި ދުއްވުމާއި، ލައިސެންސް މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ގެއްލިފައިވަނިކޮށް ދުއްވުމުން އައިސްފައިވާ ޖޫރިމަނާތަކަށް ލުއި ގޮތެއް މީގެ ސަބަބުން ހަމަޖެހިގެންދާނެއެވެ.
އެ ބަޔާނުގައިވާ ގޮތުން، ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ހިދުމަތުންނެވެ. އެ ޕްރޮގްރާމްތަކުގެ މުއްދަތު 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ކަމަށާއި، މީގެ ސަބަބުން ޓްރެފިކް ގަވާއިދާއި ހިލާފުވާ ފަރާތްތަކުން އެކަން ތަކުރާރުކުރާ މިންވަރު މަދުކުރެވޭނެ ކަމަށްވެސްް ސަރުކާރުން ވަނީ ބުނެފައެވެ.
ޕާކްކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެކަމަށް 2018 ވަނަ އަހަރުވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ދާދި ފަހުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި، މާލޭގެ ޕާކިންގ މައްސަލައަކީ ސިޓީ ކައުންސިލުން ހައްލުކުރަން ޖެހޭ މައްސަލައެއް ނަމަވެސް، އެކަން ހައްލުނުކޮށް ދިގު ދެމިގެންދާތީ އަންނަ ސަރުކާރުގައި އެކަމަށް ހައްލެއް ހޯދައިދެއްވާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒުވެސް ވަނީ ޕާކިންގ ޖޫރިމަނާތައް މާފުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސްް، އެމަނިކުފާނު މޭޔަރު ކަމުގައި ހުންނަވައިގެން ޕާކިންގ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މާލެއިން ޕާކިންގ ޒޯނުތައްވަނީ އެޑްވާންސައް ފައިސާ ނަގައިގެން ވިއްކާފައެވެ.