އެމެރިކާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

319642_f648616e-6_

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަރުވައިފިއެއެވެ.

މި ރަސްމިއްޔާތަށް ފަހު، ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު އާއި އެމެރިކާގެ ސަފީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ތަޢުރީފްކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، އެމެރިކާ ސަފީރު، ސަފީރުކަމުގެ ދައުރު ފެއްޓެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރެވި، ސަފީރަކު ޢައްޔަނުކުރެއްވުމަކީ، ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ދިވެހިރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިޔުމަކީވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން، ވިޔަފާރިއާ އިޤުތިޞާދީ ދާއިރާއާ އެހެނިހެން ދާއިރާތަކުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި، އިޤުތިޞާދާއި ޘަޤާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި، ރައީސް ސޯލިހު އާއި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް، ޝުކުރު އަދާކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައިވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *