އަންނަ ދައުރުގައި އދ. މަހިބަދޫގައި ރޯހައުސް ނުވަތަ ފްލެޓް އަޅައި، މާފަރަކީ ސިނާއީ މަސައްކަތް ކުރެވޭނެ ތަނަކަށް ހަދައި، ހޮސްޕިޓަލް އަޕްގްރޭޑް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުން ރާއްޖެއަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށަކަށްހެން އިންތިހާބުގެ ކެމްޕޭން ތެރޭގައި ދެވިފައިވާއިރު، ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ދެން ވިސްނަވަންވީ ގައުމުގެ ތަރައްގީއާމެދު ކަމަށެވެ.
2013 އާއި 2018 އާ ދެމެދު ރާއްޖޭގައި އޮތީ އަނިޔާވެރިކަން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް މިހާރު މުހިންމީ ތަރައްގީއާއި ހަމަޖެހިގެން އާއިލާއާއެކު ދިރިއުޅުމުގެ ފުރުސަތު ކަމަށެވެ. މި ސަރުކާރުން މި ގެންނަނީ ރައްޔިތުން އެދޭ އެ ބަދަލުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އުމްރާނީ ތަރައްގީވިޔަސް، ވެރިކަން ހިންގަމުން އައިސްފައިވާ ގޮތަށް ކަމުގައިވިޔަސް، ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންނަ ދައުރުގައި މަހިބަދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރޯހައުސް ނުވަތަ ފްލެޓް އަޅައިދޭނެ ކަމަށެވެ. އަދި، މާފަރު ފަޅު ހިއްކައި، އެއީ މަހިބަދޫ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެތަނަކީ ސިނާއީ އަދި އިޖްތިމާއީ ބޭނުންތައް ފުއްދޭނެ ތަނަކަށް ހަދައިދޭނެ ކަމަށެވެ.
މީގެއިތުރުން، މަހިބަދޫގައި ހިއްކެން އޮތްމިންވަރެއް ބަލައި، އެތަން ހިއްކައި މޫދަށް އެރޭނެ ސަރަހައްދެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި، ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވާ ވާހަކަ ވަނީ މިއަދުވެސް ތަކުރާރުކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވައުދު ވަނީ ހިސާބުޖަހައި ޕްލޭންކޮށްގެންކަމަށެވެ. ވައުދުތައް ފުއްދޭނެ ކަމުގެ އެއްވެސް ޝައްކެއް ނުކުރެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ އަރިހުން އެދިފައެވެ.