ރައީސްގެ ވައުދު ދިގުރަށަށް: މަގުތަކުގައި ތާރު އަޅައި، ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދޭނަން

IMG_6593

އަންނަ ދައުރުގައި އދ. ދިގުރަށުގައި މަގުތަކުގައި ތާރު އަޅައި، ދޯނި އެހެލާނެ ތަނެއް ހަދައި، ފުލުހުންގެ ހިދުމަތާއި ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދިގުރަށަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ހއ. އިން ފެށިގެން އައްޑޫއާއި ހަމައަށް ފެންނަނީ، ކުރިން އޮތް ނާމާން ކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުންނުވާ ކަމެވެ. ތަރައްގީއާއެކު ކުރިއަށް ދިޔުމަށް ބޭނުންވާ ކަމެވެ.

ކުރީގެ ސަރުކާރު ތަކުން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅުނު ކަމަށާއި، އަސާސީ ހިދުމަތްތައްވެސް އެ ސަރުކާރުތަކުން ފޯރުކޮށް ނުދޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ސަރުކާރުން އަސާސީ ހިދުމަތްތައް މިހާރު ގާއިމްކޮށްދީފައިވާއިރު އޭގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ކުރިއަރައިގެންދާނެއެވެ. ރައީސް ވަނީ ދިގުރަށަކީ ލޯކަލް ޓޫރިޒަމަށްވެސްް ފައްކާވެފައިވާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ގެނެވޭ ބަދަލުތަކާއެކު ހިތްގައިމު ބަދަލެއް އެ ސަރަހައްދަށް އަންނަ މަންޒަރު ފެންނަ ކަމަށެވެ.

އަންނަ ދައުރުގައި ދިގުރަށަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ މަގުތައް ތާރު އަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، ފުލުހުންގެ ހިދުމަތް އެ ރަށަށް ތައަރާފްކުރައްވާނެ ކަމަށެވެ. އަދި، ސްކޫލުގެ ވަސީލަތްތައް އިތުރުކޮށް، މަލްޓި ޕާޕަސް ހޯލެއް އަޅައި، ޒުވާނުންނަށް ފުޓްބޯޅަ ދަނޑުގައި ޓާރފްއަޅައި ދެއްވާނެ ކަމަށެވެ. އަދި، ދޯނި އެހެލާނެ ސަރަހައްދެއް ހަދައި އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ ދަނގެތީގެ ތަރައްގީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އެ ރަށުގެ ބަނދަރު ބޮޑުކޮށް، އިންޑަސްޓްރިއަލް އޭރިއާއަށް ބޭނުންވާ ބިން ހިއްކައި، ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ. އަދި، ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި، ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށްވެސް ހަމަޖެހިފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ވަނީ، މި އިންތިހާބުގައި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ އެމްޑީޕީ އަށް ވޯޓު ދެއްވުމުންކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބައެއް ބޭފުޅުން އެމްޑީޕީގެ މެނިފެސްޓޯ ކުޑަކޮށް ބަދަލުކޮށްގެން ވައުދުތައް ވަމުން އަންނައިރު، ދެން ތިބީ އިންތިހާބުން އެއްވެސް ކާމިޔާބީއެއް ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *