ރައީސްގެ ވައުދު ދިއްދޫއަށް: އިންޑޯ ވޮލީ ކޯޓެއް އަޅައި، ސްކޫލާއި ސިއްހީ މަރުކަޒު އަޕްގްރޭޑް

IMG_6725 (2)

އަންނަ ދައުރުގައި އދ. ދިއްދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް، އިންޑޯ ވޮލީ ކޯޓެއް އަޅައި، ސްކޫލާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދިއްދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން އެމްޑީޕީ އިންތިހާބުކުރީ ވަރަށް ގިނަ އުންމީދުތަކަކާއެކު ކަމަށެވެ. މި އިންތިހާބުގެ ކެމްޕޭން ތެރޭގައި ގިނަ ރަށްތަކަށް ރައީސްއަށް ދެވިފައިވާއިރު، އެ ބަދަލު އައިސްފައިވާ މަންޒަރު ފެންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުދި ރަށްތަކަށްވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރާއިރު، ރައީސް ވިދާޅުވީ ގިނަ ބަޔަކު އެކަމާއި ސުވާލި ކުރިނަމަވެސް އެކަން ކުރަމުންދަނީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބެންޖެހޭނަ ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި، އަސާސީ ހިދުމަތްތައް ގާއިމްވުމާއެކު ލޯކަލް ޓޫރިޒަމްވެސް އެ ރަށްތަކުގައި ކުރިއަރައިގެންދާނެ ކަމަށާއި، ހަގީގަތުގައި ލޯކަލް ޓޫރިޒަމަށް އެންމެ ރަނގަޅީވެސް ކުދި ރަށްތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ ދައުރުގައި ދިއްދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައި ދެކުނު ފަރާތު ތުނޑި ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ. އަދި، އެ ރަށުގައި އިންޑޯ ވޮލީ ކޯޓެއް އަޅައި، ސްކޫލާއި ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި ރައީސްވަނީ އެ އަތޮޅު ފެންފުށީގައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރޯހައުސް ނުވަތަ ފްލެޓް އަޅައިދޭނެކަންވެސް އިއުލާންކޮށްފައެވެ. އަދި، އެ ރަށު ޔޫތު ސެންޓަރާއި ކުޑަކުދިންގެ ޕާކު ތަރައްގީކޮށް، ދޯނި އެހެލާނެ ތަނެއްވެސް ހަދައިދޭނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

އެ އަތޮޅު މާމިގިއްޔަށް އަންނަ ދައުރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ބަނދަރު މައްސަލަ ހައްލުކޮށް، 6 ކިލޯމީޓަރުގެ މަގު ހަދައިދިނުމަށްވެސް ނިންމާފައިވާކަން ރައީސްވަނީ އިއުލާންކޮށްފައެވެ. އެ އަތޮޅު މަންދޫއިން މާލެ ދަތުރުކުރާނެ ރަނގަޅު ގޮތެއް ހަމަޖައްސައި، އެ ރަށުގައި އިތުރު ނެރެއްވެސް ހަދައިދޭނެކަމަށް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ވައުދުވަނީ ޕްލޭން ކޮށްގެންކަމަށާއި އިންތިހާބު ކާމިޔާބުވުމާއެކު ލަސްނުވެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *